މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހއ. ބާރަށުން ދެމީހަކާއި ށ. ފުނަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ ،ޢަލީ ތަސްލީމް (39އ) އާއި ހއ. ބާރަށް / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) އަދި ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) އެވެ.

މި ތިން މީހުންގެ ތެރެއިން ޢަލީ ތަސްލީމް އަދި ޝަރަފުއްދީން ހައްޔަރުކޮށްފައިވަނީ ހަށިގަނޑުގައި ރައްކާކޮށްގެން ބާރަށަށް މަސްތުވާތަކެތި އެތެރެކުތަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ފުލުހުން މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ބާރަށު ޖެޓީ ސަރަހައްދުން މި ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

އާދަމް ފަތުޙީ ހައްޔަރުކޮށްފައިވަނީ ށ. ނަރުދޫއިން ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފުނަދޫ ބަނދަރުމަތިން އާދަމް ފަތުހީ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލަތަކުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރަފުއްދީން ބަންދުގައި ބެހެއްޓުމަށް ހަތްދުވަސް އަދި ޢަލީ ތަސްލީމް ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި އާދަމް ފަތުޙީ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.