ތިމާވެއްޓާއި ހަކަތަ ރައްކާތެރި ކުރެވޭނީ ބައިނަލްއަޤްވާމީ އެހީތެރިކަމާއެކުކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) ގެ 16ވަނަ އެސެމްބްލީގެ ކުރިން ބޭއްވުނު "ޕްރީ-އެސެމްބްލީ" ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ފެންވަރުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ތިންގުނަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުއެޅުމެވެ. މި ބައްދަލުވުމުގައި ޠާރިޤް ވަނީ ރާއްޖޭގެ ފަރާތުން ބަޔާނެއް އިއްވަވައި، އެސް.ޑީ.ޖީ 7 ގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، މިދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިޤް ވިދާޅުވީ ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުމަކީ މުހިންމު ކަމެއްކަމަށެވެ.

އިންޓަރނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގައި، ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ނަވާލް އަލް-ހޮސަނީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަރަށް ބިނާކުރުވަނިވި މަޝްވަރާތަކެއް ބާއްވަވާފައެވެ. ޚާއްޞަކޮށް، އިއާދަކުރަނިވި ހަކަތައިގެ އައު އީޖާދުތަކާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދެ ފަރާތުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.