މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގެ ނަތީޖާ މިއަހަރު ފެނިގެންދާނެކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިޔުރިޓީގެ، ސްޓޭޓް މިނިސްޓަރ އަޙުމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.

ސިއްދީގު މިފަދައިން ވިދާޅުވެފައި ވަނީ ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގެ ޗެއަރމަންކަން ވެސް ކުރައްވާ ޞިއްދީޤް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އިސްކަންދެއްވާ އެންމެ ބޮޑު އެއް މަސައްކަތްކަމަށެވެ.

ސިއްދީޤު ވިދާޅުވީ މިހާތަނަށް އެއްކޮށްފައިވާ އެކިއެކި މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 10،000އެއްހާ މީހުން ތިބިކަމަށް ޤަބޫލުކުރެވޭކަމަށާއި މީގެތެރޭގައި ޒުވާނުންގެ އިތުރުން މުސްކުޅިންނާ ކުޑަކުދިންވެސް ހިމެނޭކަމަށެވެ.

މިއީ ފަސްލައްކަ މީހުން ހަމަނުވާ އާބާދީއެއްގައި ވަރަށް ބޮޑު އަދަދެއްކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން ތިބިކަމަށެވެ. މިކަން މިހެން އޮތް އިރު މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ އިތުރުން، އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢުއަށް ނެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މިކަމަށް ދަޢުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަމުންދާކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސްގެ އިރުޝާދުގެ ދަށުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ ބޮޑުން ހައްޔަރުކޮށްފައެވެ.