ކުދި ޤައުމުތަކުގެ ސިޔާދަތު ބައިނަލްއަޤްވާމީ ނިޒާމުގެ ތެރެއިން ރައްކާތެރިކުރުމަކީ މުހިންމުކަމެއްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ހަލީލް މިފަދައިން ވިދާޅުވީ ސޯމާލީ ލޭންޑް ވަކި ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތުމާ ގުޅިގެން ބޭއްވި އޯއައިސީ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަމުންނެއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި، ޚަލީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމަކީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން ޚަލީލް ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަޤްވާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި އިސްރާއީލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަކުރައްވައި، މިއީ އ.ދ. ގެ ޗާޓަރާވެސް ފުށުއަރާ ކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، މެދުއިރުމަތީގެ ސަރަހައްދުގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ޚަލީލް ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ ޤާނޫނަށް އެ ޤައުމުން އިޙްތިރާމް ނުކުރާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ޚާއްސަކޮށް ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ގޮވާލަމުންދާ ވަގުތެއްގައި، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ބައިނަލްއަޤްވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައިވެސް ޚަލީލް ފާހަގަކުރެއްވިއެވެ.