ކުދި ވިޔަފާރިތަކުގެ ކަންބޮޑުވުންތައް އަޑުއެހުމަށް ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުން މުހިންމުކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އޮތެންޓިކް މޯލްޑިވްސްގެ ހަވަނަ އަހަރީ ހަފްލާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރެވޭނީ، ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި، ކުރިމަތިވާ މައްސަލަތައް ދެނެގަނެވިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ގަވައިދުން ވިޔަފާރިވެރިންނާ ބައްދަލުވެ، ޚިޔާލު ހޯދައިގެން ކަމަށެވެ. އެހެންކަމުން ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާނެކަން ސައީދު އިއުލާނުކުރެއްވިއެވެ.
މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު ވަނީ މިއަހަރާއި އަންނަ އަހަރު ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ ގިނަ ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރަށް ކޮށްދީފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމެވެ. މިދިޔަ މަހުގެ 17ވަނަ ދުވަހު ވިޔަފާރިވެރިންނާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވެސް އެތައް ވިޔަފާރިވެރިއަކު އެ ކަންބޮޑުވުން ހިއްސާކުރިއެވެ.
މީގެއިތުރުން ސަރުކާރުން ނުދައްކައިހުރި ފައިސާގެ ތެރޭ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް ވެސް ހިމެނެއެވެ. އެ ވިޔަފާރިވެރިން ވަނީ ލިބެންޖެހޭ ފައިސާއާއި އެ ވިޔަފާރިވެރިން ދައްކަންޖެހޭ ޓެކުހާ ލާޖައްސައިގެން ނަމަވެސް އެ މައްސަލަ ހައްލުކޮށްދޭން އެދިފައެވެ. އެއާއެކު އެ ފައިސާ އަންނަ ރޯދަމަހުގެ ކުރިން ދައްކާ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ.