2025 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 2،251،452،004 (2.2 ބިލިއަން) ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، 2024 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ، 1،080،712،329 (1.8 ބިލިއަން) ރުފިޔާއެވެ. އެހެންކަމުން މިއީ %108 އިތުރު އަދަދެކެވެ
.2025 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ގްރީން ޓެކްސް ނަގަމުން އައި ރޭޓް މަތިކޮށް، އެ އަހަރުގެ އާމްދަނީ އިތުރުވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އެގޮތުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރުން 12 ޑޮލަރަށް، އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރަށް އިތުރުކޮށްފައި ވެއެވެ. މި ބަދަލާއެކު މިދިޔަ އަހަރު ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި 963.6 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ. އަހަރު ނިމުނުއިރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.
ގްރީން ޓެކުހަކީ، ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. ރިސޯޓުތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް މި ޓެކްސް ދައްކަން ޖެހެއެވެ. މިދިޔަ އަހަރަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރި އަހަރެވެ. އަހަރު ނިމުނުއިރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.