ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީންކުރުމުގެ ޕްރޮގްރާމް އަތޮޅުތެރޭގައި މާދަމާ ފަށަން ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސި) އިން ބުނެފިއެވެ.
އީސި އިން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ އަތޮޅުތެރޭގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް 2026 ޖަނަވަރީ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިއުމަށް ޓްރެއިނަރުން މިއަދުން ފެށިގެން އަތޮޅުތަކަށް ދަތުރުކުރަން ފަށާފައިވާކަމަށެވެ.
އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަރަކާތްތެރިވާ ޓްރެއިންރުންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އީސީގެ ނާއިބު ރައީސް ޞަލާޙު ވަނީ އިންތިޚާބު ކުރިއަށްދާއިރު ޓްރެއިނަރުން ސަމާލުވާންވީ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައިވާކަމަށް އީސި އިން ފާހަގަކޮށްފައިވެއެވެ. .
އެގޮތުން މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން އިންތިޚާބުގެ ކަންކަން އިތުރަށް ހަރުދަނާވެ، އިންތިޚާބީ އޮފިޝަލުންނަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދެވޭނެކަމަށާއި މިފަދަ ތަމްރީނު ޕްރޮގްރާމުތަކަކީ ރައްޔިތުންގެ އިތުރުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ޞަލާޙު ވިދާޅުވެފައިވާކަމަށް އީސީ އިން މައުލުމާތުދެއެވެ.
މީގެ އިތުރުން ތަމްރީނު ފުރިހަމަކުރި ބޭފުޅުންނަކީ ކޮމިޝަނުން ބުނަން ބޭނުންވާ މެސެޖު، އެ ބުނި ގޮތަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ތިބި ބައެއް ކަން ފާހަގަކުރައްވާ ޞަލާޙު ވިދާޅުވީ، މަޢުލޫމާތު ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ ރައްޔިތުންގެ އަދި ކެންޑިޑޭޓުންގެ ޚައްޤުތަކަށް އަރައިނުގަނެ މަސައްކަތްކުރެވޭނެ ކަމަށް ކަމަށް އީސި އިން ބުނެއެވެ. އަދި ބައެއް ފަހަރު މީޑިއާތަކުގައި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މާނަ އޮޅޭގޮތަށް ކަންކަން ހިނގާފައިވާތީ، އެކަމަށް ސަމާލުވުމަށް ވެސް ޞަލާޙު އިލްތިމާސްކުރެއްވިކަމަށް އިސީ އިން މައުލުމާތުދެއެވެ.
ހަމަ މިއާއެކު އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތުގައި ޖުމްލަ 95 ޓްރެއިނަރުން މާލެ އާއި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެކަމަށާއި މާލޭ ސަރަހައްދުގައި އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައިކަމަށް އިސި އިން ފާހަގަކޮށްފައިވެއެވެ.
އެގޮތުން މި ތަމްރީނުތަކުގައި ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ކަންކަން ކުރިއަށްގެންދަންވީ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް މަޢުލޫމާތު ދޭނެ ގޮތުގެ އިތުރުން، ވޯޓުލާ ނިމުމުން އަމަލުކުރަންވީ ގޮތާއި ވޯޓުގުނުމުގެ ތަފްސީލީ މަޢުލޫމާތު އޮފިޝަލުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ތަމްރީންތަކުގެ ތެރޭގައި އަމަލީގޮތުން މި މަސައްކަތްތައް ކުރިއަށްގެންދާނެކަމަށް އިސީ އިން މައުލޫމާތުދެއެވެ.