އިރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރު އިންޒާރެއް އިރާނުގެ ސަރުކާރަށް ދީފައިވާއިރު އިރާނު ހިމާޔަތްކޮށް ދިފާއުކުރާނެކަމަށް އިރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިރާނުގެ އަސްކަރިއްޔާއިން ބުނީ އިރާނުގެ މުހިންމު ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރާނެކަމަށާއި އާންމުތަންތަނަށްވެސް ހިމާޔަތްކުރާނެކަމަށެވެ. ހޮނިހިރު ދުވަހު އިރާނުގެ އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނުގައި ވަނީ އިރާނުގެ އެތެރޭގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރަނީ އިސްރާއީލާއި އެހެން ޓެރަރިސްޓް ގްރޫޕްތަކުންކަމަށް ތުހުމަތުކޮށްފައެވެ. ޑިސެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން އިރާނުގައި ކުރިޔަށްދާ މުޒާހަރާތަކަކީ އެގައުމުގައި ކުރިޔަށްދާ އެންމެ ބޮޑު މުޒާހަރާތަކެކެވެ. މުޒާހަރާ ފެށުނީ ހީނަރުވަމުންދާ އިރާނުގެ އިގްތިޞާދާ ހެދި ރައްޔިތުން ހިތްހަމަނުޖެހިގެންނެވެ.

އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނީ ސްޕްރީމް ކޯޓުގެ ކޮމާންޑަރ އިން ޗީފްގެ އެންގެވުމަށް އަސްކަރިއްޔާއާ އިތުރު އެހެން ބާރުތައް ގުޅިގެން ދުޝްމަނުންގެ ހަރަކާތްތައް މިސަރަހައްދުގައި ހިނގަމުންދާގޮތް މޮނިޓަރކުރަމުންދާކަމަށެވެ. އަދި އިރާނުގެ މަސްލަހަތު ހިމާޔަތްކުރާނެކަމަށް ވަނީ ބުނެފައެވެ.

އިރާނުގެ އަސްކަރިއްޔާއާ ވަކިން ހަރަކާތްތެރިވާ އިސްލާމިކް ރެވޮލިޔުޝަނަރީ ގާޑު ކޮޕްސް (އައިއާރުޖީއެސް)އިންވެސް ވަނީ ހޮނިހިރު ދުވަހު ބަޔާނެއް ނެރެފައެވެ. އިރާނުގެ ސަރުކާރު ޓީވީން ބުނީ އާރުޖީސީީން އިރާނުގެ 1979 ވަނަ އަހަރުގެ އިންގިލާބީ ބަދަލު ހިމާޔަތްކުރާނެކަމަށާއި އިރާނުގެ ސަލާމަތަށް ނުރައްކާވުމަކީ ރަތް ރޮނގުކަމަށެވެ.

އަނެއްކޮޅުން އިރާނުގެ އެޓާނީ ޖެނެރަލް މުހައްމަދު މޮވަހެދީ އަޒަދްވެސް ވަނީ ހޮނިހިރު ދުވަހު މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިންޒާރު ދެއްވާފައެވެ. އެގޮތުން މުޒާހަރާގައި ބައިވެރިވާ ފަރާތްތަކަކީ ދުޝްމަނުންކަމަށާއި އެމީހުންނަށް އޮތް އަދަބަކީ މަރުގެ އަދަބުކަމަށް ވަނީ ބުނެފައެވެ. ތަސްނިމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަތިޔާރު އަޅައިހެން މުޒާހަރާކުރަމުންދިޔަ މީހުންގެ ތެރެއިން މަދުވެގެން 100 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ހޮނިހިރު ދުވަހު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އަނެއްކާވެސް އިރާނުގައި މުޒާހަރާކުރަމުންދާ މީހުންނަށް ތާއީދުކުރާކަމަށް ބުނެ ވާހަކަދައްކާފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ރޫބިއޯ ބުނީ އެމެރިކާއިން އިރާނުގެ ހިތްވަރުގަދަ މީހުންނަށް ސަޕޯޓްކުރާކަމަށެވެ. ރޫބިއޯގެ ޕޯސްޓެއް މިއައީ އޭގެ ގަޑިއިރުތަކެއް ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނުގެ ސަރުކާރަށް އައު އިންޒާރެއް ދިންތަނާއެވެ. ޓްރަމްޕް ބުނެފައިވަނީ މުޒާހަރާގެ ބައިވެރިންނަށް ބަޑިނުޖެހުމަށެވެ. ބަޑިޖަހާނަމަ އެމެރިކާއިން އިރާނަށް ހަމަލާދޭން ފަށާނެކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މުޒާހަރާތައް އަންނަނީ އިތުރަށް ފުޅާވަމުންނެވެ. އެގޮތުން ވެރިރަށް ތެހެރާންގެ އިތުރުން އެހެން ސަރަހައްދުތަކުގައިވެސް މުޒާހަރާކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ފާއިތުވި ދެތިން ދުވަހު މުޒާހަރާތައް އިތުރަށް ވަރުގަދަ ވަމުން އަންނައިރު ހަމަނުޖެހުންތައްވެސް އިތުރުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.

މުޒާހަރާގެ ބައިވެރިން މައިތިރިކުރެވޭތޯ ސަރުކާރުން އަންނަނީ އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އެގޮތުން ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމާއެކު ތަފާތު ސަބްސިޑީތައް އަންނަނީ ތައާރަފްކުރަމުންނެވެ. ނަމަވެސް އިރާނުގައި ދިރިއުޅުމުގެ އަގުތައް އިންތިހާއަށް މައްޗަށް ދާ ދިޔުމާއެކު ސަރުކާރުން މިހާރު އަޅަމުންދާ ސަބްސިޑީގެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ނުކުރާނެކަމަށް މާހިރުން ބުނެއެވެ. އިރާނުގައި އިންފްލޭޝަން ހުރީ 42 އިންސައްތައިގައި ކަމަށް ސަރުކާރުން ބުނާއިރު ރަސްމީ ނޫން ހިސާބުތަކުން ދައްކާގޮތުގައި އިންފްލޭޝަން ވަނީ 60 އިންސައްތައާ ކައިރިއަށް ޖެހިލާފައެވެ.

މިހާރު ހިނގަމުންދާ މުޒާހަރާތަކަކީ 2022 އިން 2023ށް އެގައުމުގައި ޖަލުގައި ހުރި އަންހެނެއް މަރުވި މައްސަލައިގައި ކުރިޔަށްދިޔަ މުޒާހަރާތަކަށް ފަހު އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރިޔަށްދާ އެންމެ ބޮޑު މުޒާހަރާތަކެކެވެ.