މަސްތުވާތަކެތީގެ ބޮޑެއްކަމަށް ފުލުހުންނާއި ޕްރޮސެކިއުޓަރުން ބުނާ ޝަހީބު އިބްރާހީމަށް އިއްވާފައިވާ 50 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގަނެފިއެވެ.
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ސާބިތުވުމާ ގުޅިގެން، ގއ.ވިލިނގިލި، ލައިޓްހައުސް، ޝަހީބު އިބްރާހީމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 20 ސެޕްޓެމްބަރ 2025 ގައެވެ.
ކަންނެލި ދޯންޏެއް ބޭނުންކޮށްގެން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މި މައްސަލާގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޝަހީބާއެކު ޖުމްލަ ހަތް މީހަކު ހައްޔަރުކުރިއެވެ. މީގެ ތެރޭގައި 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންގެ އިތުރުން ކުޑަކުއްޖަކުވެސް ހިމެނެއެވެ. ކްރިމިނަލް ކޯޓުން ވަނީ މި މައްސަލާގައި ދައުވާ ލިބުނު ހުރިހާ އެންމެންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައެވެ.
މިމައްސަލައިގައި ޝަހީބަށް 50 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ދިހަ މިލިއަން ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަިއ ވެއެވެ. އެމައްސަލައިގައި ހިމެނޭ އަހުމަދު މޫސާ ވެސް 50 އަހަރަށް ޖަލަށްލުމާއިއެކު ދިހަ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރިއެވެ. ދެން އެމައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން އަސީލް މާހިރު 53 އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު އޭނާ ޖޫރިމަނާކުރީ ހަތަރު މިލިއަން ރުފިޔާއިންނެވެ.
އަނަސް ހުސައިނަށް ވެސް 53 އަހަރުގެ ޖަލު ހުކުމެއް ކުރިއިރު، އޭނާގެ ޖޫރިމަނާކުރީ ދެ ލައްކަ ރުފިޔާއިންނެވެ. ބަންގްލަދޭޝަށް ނިސްބަތްވާ އިގުބާލް ވަނީ 50 އަހަރަށް ޖަލަށް ލައި، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެ ގައުމަށް ނިސްބަތްވާ ރިޔާދަށް ވެސް 50 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްކޮށް، ދެ ލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.