މި އަހަރުގެ ތެރޭގައި ރާއްޖޭގައި ހަތް ރިސޯޓެއް ހުޅުވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ މި އަހަރު ރާއްޖޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި، ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި، ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ހިމެނޭ ކަމަށެވެ.
އެ މިނިސްޓްރީން ފާހަގަކުރާ ގޮތުގައި މިއީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކުގެ ރިސޯޓުތަކެކެވެ. މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓެއް ހުޅުވާފައި ވާއިރު، މުޅި ޖުމްލަ ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ އަދަދު ވަނީ 178 އަށް އަރާފަ އެވެ. މިއާއެކު މިހާރު ރިސޯޓުތަކުގައި ހުރި ޖުމްލަ އެނދުގެ އަދަދު ވަނީ، 44,697 އަށް އިތުރުވެފަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ ގިނަ އެނދު ހުރީ މާލެ އަތޮޅުގަ އެވެ. އެ އަތޮޅުގައި 13,500 އަށްވުރެ ގިނަ އެނދު ހުރިއިރު، މިއީ މުޅި ރާއްޖޭގެ އެނދުގެ ނިސްބަތުން 31 އިންސައްތަ އެވެ. ދެވަނައަށް އެންމެ އެނދު ގިނަ އދ. އަތޮޅުގައި 5,800 އަށްވުރެ ގިނަ އެނދު ހުރިއިރު، އެއީ ޖުމްލަ އެނދުގެ 13 އިންސައްތަ އެވެ.