މި އަހަރުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި މަސްވެރިންނަށް 10 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިފްކޯ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް މުޅި ޖުމްލަ 10،395،195 (ދިހަ މިލިއަން ތިންސަތޭކަ ނުވަދިހަ ފަސްހާސް އެއްސަތޭކަ ނުވަދިހަ ފަހެއް) ރުފިޔާ ދޫކޮށްފައި ވެއެވެ.
މި އަދަދަކީ، މިދިޔަ އަހަރުގެ މި މުއްދަތުގައި މަސްވެރިންނަށް ދޫކުރި އަދަދާ އަޅާބަލާއިރު 64 އިންސައްތަ ދަށް އަދަދެެއްކަން ފާހަގަކުރެވެއެވެ.
އެގޮތުން ފާއިތުވި 9 ދުވަސްތެރޭ މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާ އަށް ބަލާލާއިރު ޖެނުއަރީ 1 ގައި 1،659،378 ރުފިޔާ، ޖެނުއަރީ 3 ގައި 1،508،161 ރުފިޔާ، ޖެނުއަރީ 5 ގައި 2،179،020 ރުފިޔާ ޖެނުއަރީ 6 ގައި 1،473،841 ރުފިޔާ، ޖެނުއަރީ 7 ގައި 1،389،941 ރުފިޔާގެ އިތުރުން ޖެނުއަރީ 8 ގައި 917،492 ރުފިޔާ އަދި ޖެނުއަރީ 9 ގައި 1،267،359 ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ ޢަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޯމަ ދުވަހު އެވެ. އެދުވަހު މަސްވެރިންނަށް 2.2 މިލިޔަން ރުފިޔާ ދޫކޮށްފައިވާޖަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުން ނެވެ. އަދި މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރި ކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ.
އެހެންނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް ދޫކުރި ފައިސާގެ ޢަދަދު ދަށްވެފައިވަނީ، މިދުވަސްވަރު ވައި ނުސާފުވުމުގެ ސަބަބުން މަސްވެރިން މަހަށް ނުކުންނަ މިންވަރު ދަށްވުމުގެ ސަބަބުން ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
ސަރުކާރުން ދަނީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރެވެއެވެ. އެގޮތުން މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް މިހާރު ވަނީ ހެޔޮކޮށްފަ އެވެ.