ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މުވައްޒަފުން ރެންޑަމްކޮށް ޑްރަގް އަދި އަލްކޮހޯލަށް ޓެސްޓުކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން ބީލަމަށް ހުޅުވާލައިފިއެވެ.

އާރުއޭސީއެލް އިން ބުނި ގޮތުގައި، އެ ކުންފުނިން ހޯދަނީ އޭވިއޭޝަން ސޭފްޓީގެ މިންގަނޑުތަކާއި ކުންފުނީގެ ސިޔާސަތުތަކާ އެއްގޮތަށް، ރެންޑަމްކޮށް ޑްރަގް އަދި އަލްކޮހޯލް ޓެސްޓުކުރުމުގެ ގާބިލުކަން ހުރި ފަރާތެއް ކަމަށެވެ.

މީގެ އިތުރުން ހޮވޭ ފަރާތަކުން އެކި ހާލަތްތަކުގައި ޓެސްޓުތައް ކުރިއަށްގެންދަން ޖެހޭނެކަމަށާއި އެކަން ކުރަންވާނީ ސިއްރު ހިފެހެއްޓުމާއެކު، ނަތީޖާގެ ސައްހަކަން ކަށަވަރުކޮށް، ކަމާބެހޭ ހުރިހާ ގަވާއިދުތަކަކަށް ފުރިހަމައަށް އަމަލުކޮށްގެން ކަމަށް އާރުއޭސީއެލް އިން އާންމުކޮށްފައިވާ އިއުލާންގައި ބުނެފައި ވެއެވެ. މި އިއުލާން އާންމުކޮށްފައިވަނީ 8 ޖެނުއަރީ 2026 ގައެވެ.

ހަމަ މިއާއެކު އާރުއޭސީއެލް އިން ބުނީ، މިއީ ރާއްޖޭގެ ސަރަހައްދީ އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކުގައި ސަލާމަތާއި، އިތުބާރާއި، ޕްރޮފެޝަނަލިޒަމް ދެމެހެއްޓުމަށް ކުރާ މަސައްކަތެއްކަމަށެވެ. އަދި މުވައްޒަފުންގެ ދުޅަހެޔޮކަމަކީ އޭވިއޭޝަން ސަލާމަތަށް ނުހަނު މުހިންމު ކަމެއްގެ ގޮތުގައި އާރުއޭސީއެލް އިން ދެކޭކަމަށް އާރުއޭސީއެލް އިން މައުލުމާތުދެއެވެ.

މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، ބޭނުންވާ މައުލޫމާތު tender@airports.mv އަށް އީމެއިލް ކޮށްގެން ރަޖިސްޓްރީވުމަށް އާރުއޭސީއެލް އިން ވަނީ ދައުވަތު އަރުވާފައެވެ. އަދި

ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 18 ޖެނުއަރީ 2026 ވާ އާދީއްތަ ދުވަހުގެ 14:00 ކަމަށް އާރުއޭސީއެލް އިން މައުލުމާތުދެއެވެ. ރަޖިސްޓްރީވުމަށްޓަކައި ވިޔަފާރީގެ ނަމާއި، ރަޖިސްޓްރީ ނަންބަރާއި، އެޑްރެހާއި، ގުޅޭނެ ފުރިހަމަ މައުލޫމާތު (މަންދޫބުގެ ނަން، ފޯނު ނަންބަރު އަދި އީމެއިލް) ހުށަހަޅަންޖެހޭކަން ފާހަގަކުރެވެއެވެ.

އާރުއޭސީއެލް އިން ބުނި ގޮތުގައި ބީލަމުގެ މަރުހަލާގައި ރަޖިސްޓްރީވުމަކީ މަޖުބޫރު ކަމެކެވެ. ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވުމުން، ރަޖިސްޓްރީވި ހުރިހާ ފަރާތްތަކަށް ބީލަމާ ގުޅޭ ފުރިހަމަ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި މި ލިޔެކިޔުންތަކުގައި ޓެކްނިކަލް ތަފްސީލުތަކާއި، އޮޕަރޭޝަނަލް ބޭނުންތަކާއި، އިވެލުއޭޝަން ކްރައިޓީރިއާ އަދި ބީލަމާ ގުޅޭ އެހެނިހެން ޝަރުތުތައް ހިމެނޭނެ ކަމަށް އާރުއޭސީއެލް އިން ފާހަގަކޮށްފައިވެއެވެ.

ރަޖިސްޓްރީވުމާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ، އެކަން ލިޔުމުން ހުށަހެޅުމަށް ކުންފުނިން ވަނީ އެދިފައެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ޑޮމެސްޓިކް އެއާޕޯޓުތައް ހިންގާ، ރާއްޖޭގެ ދަތުރުފަތުރާއި އޭވިއޭޝަން ސަލާމަތުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އަދި އެކުންފުނިން ހައެއާޕޯޓެއް ހިންގަާކަން ފާހަގަކުރެވެއެވެ.