ޑިސެމްބަރު މަހު ސްކޭމްގެ 179 މައްސަލަ ހުށަހަޅާފައިވާއިރު މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 179 މައްސަލައިގެ ތެރެއިން 89 މައްސަލައެއްގެ ފައިސާ ވަނީ އެއްކޮށް ރިކަވަރކޮށްފައެވެ. 45 މައްސަލައިގެ ބައެއް ވަނީ ރިކަވަރކޮށްފައެވެ. ފޭރިގަނެފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 1،901،103 ރުފިޔާ އެވެ. ފުލުހުންނަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ފުލުހުން ވަނީ 4،594،405.43 ރުފިޔާ އަނބުރާ ހޯދާފައެވެ.
ޑިސެމްބަރު މަހު އާންމުކޮށް ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކާއި، ސްކޭމްގެ ބާވަތްތައްވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން :
އީ-ކޮމާސް: 80 މައްސަލަ
ފިޝިން، ވިޝިން އަދި ޖޮބް ސްކޭމް: 16 މައްސަލަ
ކަރަންސީ އެކްސްޗޭންޖު: 31 މައްސަލަ
އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 44 މައްސަލަ
އެހެނިހެން: 8 މައްސަލަ
ސްކޭމް ކުރަން ބޭނުން ކޮށްފައިވާ މައިގަނޑު ވަސީލަތްތަކަކީ ފޯނު ކޯލް، އައިބޭ، އޮންލައިން މެސެޖިން މަންސަތައް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސް އެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އަންނަނީ އިރުޝާދުތައް ދެމުންނެވެ. އެގޮތުން އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ހިއްސާ ނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.