ހުޅުމާލެ ފޭސް 3 ހިއްކަމުން ދާ ސަރަހައްދުން 55 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
ހުޅުމާލޭ ފޭސް ތިނަކުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިހާރު ބާކީ ހިއްކަން އޮތީ 8 ހެކްޓަރުގެ ބިމެވެ.
އެމްއޭސީއެލުން ބުނީ 55 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ ނިމިފައި މިހާރު ވާއިރު، މުޅި މަސައްކަތުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ހިނގަމުންމިދާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް ނިންމާލެވޭނެކަމަށާއި އެއާއެކު ގޯތި ހަވާލުކުރުމުގެ މަސައްކަތްތައް ކުރިޔަށްދާނެކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވެއެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. އެކި ސަބަބުތަކާ ހެދި ބިން ހިއްކުން ލަސްވަމުން އައިސް މިފަހުން އަނެއްކާވެސް ފޭސް 3 ހިއްކަން ފަށާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ވަނީ ބިން ހިއްކުމުގެ ސްޕީޑް އަވަސްކުރުމަށް އެއްފަހަރާ ދެ ޑްރެޖަރ ބޭނުންކުރަން ފަށާފައެވެ.
އެއީ 22،000 ކިއުބިކް މީޓަރުގެ ދެ ޑްރެޖަރު ކަމަށްވާ ޕްރިންސް ދަ ނެދަލޭންޑެން އަދި އޮރެންޖް އިންނެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމަށްފަހު ދެ މިސްރާބު ޖަހާނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރުމަށެވެ.