ކުރީގެ ތެލެސީމިއާ ސެންޓަރުގައި ހެންވޭރު ޖީޕީ ކްލިނިކް ހަދަން، އެ ސެންޓަރު ތަޅާލާ އެބިން ސާފުކޮށްދޭނެ ބަޔަކު ހޯދަން އައިޖީއެމްއެޗުންއިއުލާނުކޮށްފިއެވެ.

މާލެ ސަރަހައްދުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ބޮޑެތި ހޮސްޕިޓަލްތަކަށް ބާރުބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން އަންނަނީ ޖީޕީ ކްލިނިކުތައް ހަދަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަ ޖީޕީ ކްލިނިކު ހެދުމަށް ސަރުކާރުން ނިންމާފައިވާއިރު މިހާތަނަށް އައިއިރު އޭގެތެރެއިން، އެއް ކިލިނިކް މާފަންނުގައި ވަނީ ހުޅުވާފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުލިނިކެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނުގައި ވަނީ ކުރީގެ ތެލެސީމިއާ ސެންޓަރު ހިންގި އިމާރާތް ތަޅާލާ އެތަން ސާފުކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 15 ޖަނަވަރީ 2026 ވަނަ ދުވަހުގެ 11:00ގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައިކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކްލިނިކް ހަދާއިރު، ޚިދުމަތްތައް ޒަމާނީކޮށް އޮރެންޖު ހިޔާއަށް އެ ސެންޓަރުގެ ޚިދުމަތް ވަނީ ބަދަލުކޮށްފައެވެ. އޭގެ ފަހުން އެ ސެންޓަރު ހުންނަނީ ހުހަށެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރީ، މިދިޔަ އަހަރު މެއި މަހުގެ ތެރޭގައެވެ.

ޖީޕީ ކްލިނިކްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ލޭގެ ޓެސްޓް ހެދުމަށް ސުންކު ނެގުމާއި، އެކްސްރޭ ނެގުން ފަދަ ފުރަތަމަ މަރުހަލާގައި ކުރެވޭ މުހިއްމު ކަންކަން ކުރެވޭނެއެވެ. މީގެ އިތުރުން، ބަލިމީހާގެ ހާލަތު ސީރިއަސް ނޫންނަމަ، ޖީޕީ ކްލިނިކްތަކުން ބޭސް ދިނުން ފަދަ ކަންކަން ވެސް ކުރިއަށް ގެންދެވޭނެއެވެ. ސްޕެޝަލިސްޓަކަށް ދައްކަން ޖެހޭނަމަ، ޖީޕީ ކްލިނިކްތަކުން އެޕޮއިންޓްމަންޓް ހަދައިދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެއެވެ.