ވެނެޒުއެލާއިން ދެމުންދާ އެއްބާރުލުމާ ގުޅިގެން، އެ ގައުމަށް ދޭން ރާވާފައިވާ ހަމަލާތަކުގެ ދެވަނަ ފިޔަވަހި ކެންސަލް ކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
މިދިޔަ ހަފުތާގައި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނަށްފަހު، ސުލްހައަށް ކުރަމުންދާ މަސައްކަތްުގެ ނިޝާނެއްގެ ގޮތުން ވެނެޒުއެލާއިން ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން މިހާރު ވަނީ ދޫކޮށްލާފަ އެވެ.
އެކަމާ ގުޅިގެން ޓްރަމްޕް ބުނީ އެއީ ވަރަށް މުހިންމު އަދި ބުއްދިވެރި ނިންމުމެއް ކަމަށެވެ. އަދި އެމެރިކާ އާއި ވެނެޒުއެލާ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ހާއްސަކޮށް އެ ގައުމުގެ ތެލާއި ގޭހުގެ ވަސީލަތްތައް މިހާރަށްވުރެ ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންދާކަން އޭނާ ބުނެފައިވެ އެވެ.
މި އެއްބާރުލުމުގެ ސަބަބުން، ކުރިން ރާވާފައިވާ ހަމަލާތަކުގެ ދެވަނަ ފިޔަވަހި މިހާރު ކެންސަލް ކުރެވިފައިވާ ކަމަށާއި އެފަދަ ހަމަލާއެއް ދޭންޖެހޭނެ ކަމަކަށް މިހާރު ނުބެލެވޭ ކަމަށް ޓްރަމްޕް ބުނެފައިވެ އެވެ. ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހުރިހާ މަނަވަރުތަކެއް އެ ތަންތަނުގައި ދެމިއޮންނާނެ ކަމަށް ޓްރަމްޕް ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނެފައިވެ އވެެ.
ވެނެޒުއޭލާގެ ތެލުގެ ސިނާއަތް ކުރިޔަށް އޮތްތަނުގައި ކޮންޓްރޯލްކުރަމުންދާނީ އެމެރިކާއިންކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވާއިރު ހުކުރު ދުވަހު އެމެރިކާގެ ތެޔޮ ކުންފުނިތަކުގެ އެގްޒެކެޓިވުންނާ ބައްދަލުކުރުމަށް ވެސް އޮތީ ހަމަޖެހިފަ އެވެ.
ވެނެޒުއޭލާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ތެޔޮ އޮތް ގައުމެވެ. އެގައުމުގައި ހުރި ތެލުގެ ރިޒަވް އެމެރިކާއަށް ވުރެ ފަސް ގުނަ އިތުރެވެ.