ބ. ކުޑަރިކިލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބ.ކުޑަރިކިލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް 352 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 618 ކިލޯވޮޓް އަވާގެ ބެޓެރި އެނާރޖީ ސްޓޯރޭޖު ސިސްޓަމެއް ހިމެނޭ ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމި، ބޭނުންކުރަން ފެށުމުން ކުޑަރިކިލުގައި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށާއި އަހަރަކު ގާތްގަނޑަކަށް 165,189 (ސަތޭކަ ފަސްދޮޅަސް ފަސް ހާސް އެއްސަތޭކަ އައްޑިހަ ނުވައެއް) ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަހަރަކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 405 ޓަނުގެ ކާބަންޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ހަމަ މިއާއެކު މި މަޝްރޫއަކީ، އެ ރަށުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުކޮށް، ގްރިޑުގެ ހަމަ ހިފެހެއްޓުމުގެ އިތުރުން ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަ ކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މަޝްރޫއެއްކަން ފާހަގަކުރެވެއެވެ.
ރައީސްގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ކުރިން، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.
މިފަދަ މަޝްރޫއުތަކުގެ ސަބަބުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަވެ، ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.