މިއަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ދެވަނަ ދައުރެއް ދޭން ޖެހެނީ އެމްއެންޕީއާރުސީގެ ވައްކަމުގެ ލިސްޓުގައި ނަން ނެތުމުންކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.

ޑީޑީ މިފަދައިން ވިދާޅުވެފައިވަނީ މާލޭ މޭޔަރުކަމުގެ ޕްރައިމަރީގައި ވާދަކުރައްވާ އާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑީޑީ ވިދާޅުވީ އެމްޑީޕީ ރޫޅާލުމުގެ ވިސްނުން ދުވަހަކު ވެސް އާދަމް އާޒިމް ނުގެންގުޅުއްވާނެ ކަމަށާއި އޭނާގެ ނަން އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ވެސް ނޯންނާނެ ކަމަށެވެ.

އާޒިމަކީ ވަރަށް އިހުލާސްތެރި، ކެތްތެރި އަދި ވަރަށް އޯގާތެރި، ނަޒާހަތްތެރި ބޭފުޅެއް ކަމަށް ޑީޑީ ވިދާޅުވި އެވެ.

މި މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި އާދަމް އާޒިމާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްއެވެ. ދެ އާޒިމް ވެސް މޭޔަރުކަމަށް ކުރިމަތިލައްވަން ޕްރައިމަރީގައި ވާދަކުރާއިރު އެމްޑީޕީ ތެރެއިން ދެ އާޒިމަށް ކެމްޕެއިން ކުރަން ވަނީ ފަށާފައެވެ. އެއް ބަޔަކު އަލީ އާޒިމަށް ތައުރީފުކުރާއިރު އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އާދަމް އާޒިމް މޭޔަރުކަމަށް މާ ގާބިލެވެ.