ޤާނޫނާއި ޚިލާފަށް، މާލެ ސިޓީގައި ހިންގަމުންދިޔަ 104 މަސާޖް ޕާލާ ބަންދުކޮށްފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި ޤާނޫނު ތަންފީޒުކޮށް، މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ، މިދިޔަ ޑިސެމްބަރުމަހުގެ 9 އިން ފެށިގެން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މާލެ ސިޓީއިން 104 މަސާޖް ޕާލާ ބަންދުކޮށްފައިވާކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 17 އިން ފެށިގެން އެކި މައްސަލަތަކުގައި ހިމެނޭ 922 ބިދޭސީއަކު ޑީޕޯޓުކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ނޮވެމްބަރު މަހުގެ 15 ފެށިގެން ބަޔޯމެޓްރިކްސް ނުދީ މާލޭގެ މަގުތަކުގައި ޙަރަކާތްތެރިވެފައިވާ 362 ބިދޭސީންވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކުރުމަށް ފުުރުސަތެއްް ނޯންނާނެކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.