ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ މައްސަލާގައި 2 ތަނަކަށް ނޯޓިސް ދީ ބަންދުކުރުމަށް ފަހު ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދައި އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަން ތަކުގެ ތެރެއިން، ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ 5 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 2 ތަނަކަށް ނޯޓިސްދިނުމަށްފަހު ބަންދުކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި އަދި ހިންގަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ޖޮއިންޓް ޓާސްކްފޯހެއް ހަދައި މެދުކެނޑުމެއްނެތި އިމިގްރޭޝަނާއި ގުޅުން ހުރި އިދާރާތައް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިފަދަ ވިޔަފާރިތައް ހުއްޓުވުމަށް ކުރާ މަސައްކަތުގައި ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ތަންތަނުގައި ކާބޯތަކެތި ހަދަމުންދާ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް އަދި އެފަދަ ތަންތަން އަންނަނީ ބަންދު ކުރަމުންނެވެ.

މީގެ އިތުރަށް މި އޮޕަރޭޝަންގެ ދަށުން 96 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމުގައި 31 ޑިސެމްބަރ ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.