މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި ޖުމުލަ 3.24 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަން ޙާމަވެއްޖެއެވެ.

މީރާއިން އާންމުކުރި މައުލޫމާތުން އެނގޭގޮތުގައި މިއީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު %30.7 އިތުރު އަދަދެކެވެ. އަދި މިއީ އެ މަހު ލިބޭނެކަމަށް ކުރިން އަންދާޒާކުރި ވަރަށްވުރެ %17.4 އިތުރުވުމެކެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ސަބަބަކީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހާ އަޅައިބަލާއިރު 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %8 އިތުރުވުމެވެ. މީގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި، ގްރީން ޓެކުހުގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

އާމްދަނީ އިތުރުވުމަށް މެދުވެރިވި އެހެން ސަބަބުތަކުގެ ތެރޭގައި 2025 ޖަނަވަރީން ފެށިގެން ގްރީން ޓެކުހުގެ ރޭޓަށް އައި ބަދަލާއި، ކުރިން އަންދާޒާކޮށްފައި ނުވާ ބައެއް އާމްދަނީތައް ކަމަށްވާ ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ އާއި ސީ.އެސް.އާރު ފީ ލިބުން ހިމެނެއެވެ. މީގެ އިތުރުން، ނުދެއްކި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން ލިބުނު ފައިސާއަކީ ޖުމުލަ އާމްދަނީގެ %20.3 އެވެ. އަދި އާމްދަނީގެ %2 އަކީ ކުރީގެ ސުންގަނޑިތަކާ ގުޅޭ ފައިސާއެވެ.

ވަކިވަކި ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 1.72 ބިލިއަން ރުފިޔާ (%53.2) އެވެ. ދެން އެންމެ ގިނައީ ރިޒޯޓު ކުލީގެ ގޮތުގައި ލިބުނު 519 މިލިއަން ރުފިޔާ (%16) އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮލުގައި 221.8 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 191.3 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 176 މިލިއަން ރުފިޔާ އަދި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 160 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ މަހު ބަލައިގަތް ޖުމުލަ އާމްދަނީގެ ތެރޭގައި 157.83 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.