ވެނެޒުއޭލާގެ ތެލުގެ ސިނާއަތް ކުރިޔަށް އޮތްތަނުގައި ކޮންޓްރޯލްކުރަމުންދާނީ އެމެރިކާއިންކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވާއިރު ހުކުރު ދުވަހު އެމެރިކާގެ ތެޔޮ ކުންފުނިތަކުގެ އެގްޒެކެޓިވުންނާ ބައްދަލުކުރުމަށް ހަމަޖެހިއްޖެއެވެ.

ޓްރަމްޕް ބުނެފައިވަނީ ވެނެޒުއޭލާގެ ކަންކަން އެމެރިކާއިން ކުރިޔަށް އޮތްތަނުގައި ބަލަހައްޓަމުންދާނެކަމަށާއި އެކަމަށް އަހަރަކަށްވުރެ ގިނަ ދުވަސްވެސް ވެދާނެކަމަށެވެ. އެކަން ކަނޑައެޅިގެންދާނީ ހާލަތާއި ވަގުތުކަމަށް ޓްރަމްޕް ނިއުޔޯކް ޓައިމްސް އަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.

ޓްރަމްޕް ބުނެފައިވަނީ އެމެރިކާގެ ތެޔޮ ކުންފުނިތަކުން ވެނެޒުއޭލާގައި އިންވެސްޓް ކުރާނެކަމަށެވެ. ނަމަވެސް ވެނެޒުއޭލާގެ ތެލުގެ ސިނާއަތުގެ އިންފްރާސްޓްރަކްޗަރ ވަނީ ވަރަށް ބޮޑަށް ހަލާކުވާން ފަށާފައެވެ. އެސިނާއަތް ވަނީ ވަރަށް ބޮޑަށް ތަރައްގީކުރަންޖެހިފައެވެ. އެކަމަށް އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރަންޖެހޭއިރު އެމެރިކާއިން އެކަން ކުރާނީ ކިހިނެއްތޯ އެއީ ސުވާލު އުފެދިފައިވާކަމެކެވެ.

ވައިޓް ހައުސްގެ ސެކެޓްރީ ކެރޮލިން ލެވިޓް ބުނީ ހުކުރު ދުވަހު ކުރިޔަށްދަނީ ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއްކަމަށެވެ.

ވެނެޒުއޭލާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ތެޔޮ އޮތް ގައުމެވެ. އެގައުމުގައި ހުރި ތެލުގެ ރިޒަވް އެމެރިކާއަށް ވުރެ ފަސް ގުނަ އިތުރެވެ.