ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ އޮފީހެއް ހުޅުވުމަށް 3 ރޫޓެއްގެ ބަހުގެ ހިދުމަތް މެދުކަނޑާލުމަށް ބަހުގެ ހިދުމަތް ދޭ ކުންފުނި އެމްޓީސީސީ އިން ނިންމައިފި އެވެ.

މި އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗު ކުރިމަތިން ހ. ވެޔޮވިލާގަ އެވެ. މިރޭ 8:30 ގައި އޮންނަ މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަ އެވެ.

މިކަމާ ގުޅިގެން އާޓިފިޝަލް ބީޗު ސަރަހައްދާއި ދިމާލުން ބޮޑު ތަކުރުފާނު މަގު ބަންދުކުރުމަށް ހަމަޖެހިފައިވާތީ ބައެއް ބަސް ރޫޓުތައް މެދު ކަނޑާލުމަށް އެމްޓީސީސީއިން ވަނީ ނިންމާފަ އެވެ.

އެގޮތުން އާރް 2 (ކާނިވަލް - ހުޅުމާލެ ފޭސް 1 ރޫޓް)، އާރް 8 (ކާނިވަލް - ހުޅުމާލެ ފޭސް 2) އަދި އާރް 11 (އަމީނީ ރޫޓު)ގެ ހިދުމަތް މެދުކަނޑާލުމަށް އެމްޓީސީސީއިން ވަނީ ނިންމާފަ އެވެ. މި ރޫޓުތަކުގެ ބަސް ދަތުރުތައް މެދުކަނޑާލުމަށް ހަމަޖެހިފައި އޮތީ މިރޭ 8:00 އިން ފެށިގެން 12:00އާ ހަމައަށެވެ.

މީގެ އިތުރުން އޯކިޑު ރޫޓު ނުވަތަ އާރް 10ގެ ބަސް ދަތުރު ކުރާ ރޫޓަށް ބަދަލުގެންނަން ނިންމާފައިވެ އެވެ. އެހެންނަމަވެސް އެއީ ކޮން ބަދަލުތަކެއްކަން އެމްޓީސީސީއިން ހާމަކޮށްފައެއް ނުވެ އެވެ.

ޕީއެންސީއިން ހ. ވެޔޮވިލާގައި ޕާޓީ އޮފީހެއް ހުޅުވުމަށް ނިންމާފައިވާއިރު އެ އިމާރާތުގައި ޕީއެންސީ ހައުސްގެ ނަމުގައި ޕާޓީގެ މައި ހަރުގެ ވެސް އަންނަނީ ހިންގަމުންނެވެ. މި އިމާރާތަކީ މީގެ ކުރިން އެންމެ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ ހަރުގެ ހިންގި އިމާރާތެވެ. އޭގެ ފަހުން ޑިމޮކްރެޓްސްގެ ހަރުގެ ވެސް މިތަނުގައި ހިންގާފައިވެ އެވެ.