އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލު ފާސްކޮށްފައިވަނީ 2026 ޖަނަވަރީ 5 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ. ރީ-އެމްޕްލޯއިމަންޓްގެ ބިލަކީ ސަރުކާރުގެ ފަރާތުން، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު މިދިޔަ އަހަރުގެ ދެވަނަ ދައުރުގައި ހުށަހަޅުއްވާފައިވާ ބިލެކެވެ.

މި ބިލުގެ މަޤްޞަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ޢުމުރުން 75 (ހަތްދިހަފަހެއް) އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި ޢަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ.

ބިލުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު 65 އަހަރު ވުމުން ވެސް ވަޒީފާގައި ހުރެވޭނީ އަހަރުން އަހަރަށް އާ ކުރާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބިލުގައިވާ ގޮތުން ރީ އެމްޕްލޯއީމަންޓްއަށް ނުވަތަ ވަޒީފާގައި ދެމި ހުރުމަށް އެދި 65 އަހަރާއި 75 އަހަރާއި ދެމެދުގެ މުވައްޒަފުންނަށް ނުވަތަ މީހުންނަށް ހުށަހެޅޭނެ އެވެ. ދައުލަތުގެ ވަޒީފާއެއް އަދާ ކުރަމުންދިޔަ މީހުންގެ ތެރެއިން މި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުގެ 7 އަހަރު ކުރިން ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަކިވެފައިވާ މީހުންނަށް ވެސް 75 އަހަރު ފުރެންދެން އަލުން ވަޒީފާގައި ދެމި ހުންނަން އެދި ހުށަހެޅޭނެ އެވެ.

ރީ އެމްޕްލޯއީމަންޓްގެ ދަށުން 65 އަހަރު ފުރޭ ފަހުން ވަޒީފާ އަދާ ކުރާނަމަ ކުރިން ހުރި މަގާމު ނޫން އެހެން މަގާމަކުން ވެސް ވަޒީފާ ހަމަޖައްސައި ދެވިދާނެ ކަަމަށް ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

ރީ އެމްޕްލޯއީމަންޓް ބިލު ގާނޫނުނަކަށް ވުމުން ވަޒީފާގައި ދެމިހުންނަން ބޭނުންވާ ނަމަ 65 އަހަރު ފުރުމުގެ 6 މަސް ކުރިން ރީއެމްޕްލޯއީމަންޓްއަށް އެދެން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މި ބިލުން ނުވަތަ ގާނޫނުން އިސްތިސްނާ ވާ މީހުންގެ ތެރޭގައި ހިމެނެނީ ސިފައިންނާއި ފުލުހުން، ފަނޑިޔާރުން އަދި ގާނޫނުގެ ދަށުން އަައްޔަންކުރާ މަގާމެއްގައި ތިބޭ މީހުންނެވެ.

މި ބިލަށް ޢަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 30 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.