މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގައި އޮތީ ރާއްޖެއިން ބޭރުގައި ހިންގާ އުސޫލެއް ކަމަށް މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީގެ ސީއިއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ފިޒާނާ ވިދާޅުވީ ރާއްޖޭގައި ދެ ޔުނިވާސިޓީ އެއްގައި ޕީއެޗްޑީ ހިންގާ އިރު، މިކަމަށް އިމްޕްލިމެންޓް ކުރެވޭނެ އެއްވެސް އުސޫލެއް ރާއްޖޭގައި ނެތް ކަމަށެވެ.
ނަމަވެސް މޯލްޑިވްސް ނޭޝާނަލް ކުއަލިފިކޭޝަންސް ފްރޭމްވޯކް (އެމްއެންކިޔުއެފް) ގައި ޕާޓްޓައިމް އަކީ ވަޒީފާ އަދަކުރާ މީހުންނަށް އޮތް އެއްޗެއްކަން ލިޔެފައިވާކަމަށް ފިޒާނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން 2021 ގައި ނެރެފައިވާ ޕީއެޗްޑީ އުސޫލުގައި އޮންނަނީ ރާއްޖޭގަ ހުރެގެން ރާއްޖޭއިން ބޭރުގެ ޔުނިވާސިޓީ އަކުން ކިޔަވާނަމަ ކިޔަވަންޖެހޭނީ ޕާޓް ޓައިމްކޮށް ކަމަށާއި ރާއްޖޭގެ ޔުނިވާސިޓީ އަކުން ކިޔަވާނަމަ ފުލް ޓައިމްކޮށް ކިޔެވޭކަން ފާހަގަކުރައްވާ ފިޒާނާ ވިދާޅުވީ ތަފާތުކުރުމެއް ވާ ކަމަށެވެ.
މީގެ އިތުރުން ތަފާތުކުރުން ނައްތާލަން ޖެހޭ ކަމަށާއި ނައްތާލާ އިރު ކުއަލިޓީ ކޮމްޕްރޮމައިޒް ވާގޮތަކަށް ސްޓޭންޑާޑް ތަކެއް އެކުލަވައެއް ނުލެވޭނެކަމަށް ފިޒާނާ ވިދާޅުވިއެވެ.