ދިވެހި ރާއްޖޭގެ ކެޑޭޓުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ހިންގާފައިވާ 25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އާންމުކޮށްފައިވާ ބަޔާނެއްގައޮ ބުނީ 25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ޕާސިން އައުޓް ބޭއްވުމަށް މިއަދު ގިރިފުށީ ޓްރެއިނިން ސެންޓަރުގަ ރަސްމިއްޔާތެއް ބާއްވާފައިވާކަމަށެވެ.
2025 ޑިސެންބަރު 27 އިން ފެށިގެން 12 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ކޭމްޕުގައި ރާއްޖޭގެ އެކި ސްކޫލުތަކުން، 120 ދަރިވަރުން ބައިވެރިވެފައިވާކަމަށާއި އޭގެތެރޭގައި ހިމެނެނީ، 90 ފިރިހެން ދަރިވަރުންނާއި 30 އަންހެން ދަރިވަރުންކަމަށް އެމްއެންޑީއެފް އިން ފަހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ބަނގްލަދޭޝް އަދި ނޭޕާލް ހިމެނޭހެން، 16 ކެޑޭޓުންނާއި އެ ޤައުމުތަކުގެ ޑެލިގޭޝަންގައި ހިމެނޭ 4 އޮފިސަރުން ކޭމްޕަށް ޒިޔާރަތްކޮށްފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
ހަމަމިއާއެކު މި ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ކެޑޭޓުންނަށް ތަށްޓާއި ޝީލްޑް ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ޙިލްމީކަމަށް އެމްއެންޑިއެފް އިން ފާހަގަކޮށްފައިވެއެވެ.
25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ އެންމެ މޮޅު ފިރިހެން ކެޑޭޓްގެ މަޤާމާއި އެކަޑެމިކް މާއްދާތަކުން އެންމެ މޮޅު ކެޑޭޓްގެ މަޤާމު ހާސިލުކުރީ، ތާޖުއްދީން ސްކޫލުގެ، ކެޑޭޓް ކޯޕްރަލް ނާވީ ޙުސައިން ކަމަށާއި އަދި އެންމެ މޮޅު އަންހެން ކެޑޭޓްގެ މަޤާމު ހާސިލުކުރީ ހަނިމާދޫ ސްކޫލުގެ، ކެޑޭޓް ކޯޕްރަލް އަޒްކާ އަހްމަދު ޙަމީދު ކަމަށް އެމްއެންޑީއެފް އިން ފާހަގަކޮށްފައިވެއެވެ. އަދި އެންމެ މޮޅު ޕްލެޓޫންގެ މަޤާމު ހާސިލުކުރީ ޗާލީ ޕްލެޓޫންކަމަށް އެމްއެންޑިއެފް އިން މައުލޫމާތުދެއެވެ
އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މި ކޭމްޕުގައި ބައިވެރިވި ޤައުމުތަކުގެ ޑެލިގޭޝަންގެ އޮފިސަރުންނަށް މި ރަސްމިއްޔާތުގައި ވަނީ ބެޖު ހަވާލުކޮށްފައިކަން ފާހަގަ ކޮށް އެމްއެންޑީއެފް އިން ބުނީ އެފަރާތްތަކަށް ބެޖު ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމް ކަމަށެވެ.
މީގެ އިތުރުން އެމްއެންޑިއެފް އިން ބުނީ މި ކޭމްޕުގައި ކިޔަވައިދީފައިވަނީ އެމްއެންޑީއެފްގެ މުދައްރިބުން ކަމަށެވެ. އަދި އެމްއެންޑީއެފްގެ މުދައްރިބުންނާއެކު، ޤައުމީ ކެޑޭޓް ކޯރގެ މުދައްރިބުންގެ ޓީމެއް މި ކޭމްޕްގައި ހަރަކާތްތެރިވެފައިވާކަންވެސް އެމްއެންޑިއެފް އިން ފާހަގަކޮށްފައިވެއެވެ.
ހަމަ މިއާއެކު ކެޑޭޓް ކޭމްޕްގެ މަޤްޞަދަކީ، ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢުއަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެ ވެރިބަޔެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤަޢުމީ ރޫޙް އާލާކޮށް ދިރުވުމާއި، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފު ކޮށްދިނުމާއި، ޤައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުމާއި، އަދި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފުކޮށްދިނުންކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ.އަޙްމަދު މުޙައްމަދުގެ އިތުރުން އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ އޮފިސަރ ޓްރެއިނިންގ ވިންގުގެ ކޮމާންޑިންގ އޮފިސަރ އަދި ކެޑޭޓް ކޯރގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާންއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުންނާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ އިސް އޮފިސަރުން ބައިވެރިވެފައިވާކަމަށް އެމްއެންޑިއެފް އިން ބުނެއެވެ.