ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރުގެ ނޯޓިސް ޖެހުން ލާޒިމްވާ ގޮތަށް ކުރިން އޮތް ތާރީޚު ޖުލައި މަހުގެ 28ށް ފަސްކޮށްފިއެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކުރެވޭ ދުންފަތުގެ ބާވަތްތަކުގައި ސިއްހަތުގެ އިންޒާރު ޖަހަން ކުރިން މަޖުބޫރުވާނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އެއުސޫލަށް އިސްލާހު ގެނެސް 2026 ޖުލައި 28 އަށް ފަސް ކޮށްފައިވާކަމަށެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ އެ ބާވަތްތަކެއްގައި ޞިއްޙަތުގެ އިންޒާރު ޖެހުމަށް އަލަށް ކަނޑައަޅާފައިވާ ދުންފަތުގެ ބާވަތްތައް، 2026 ޖުލައި 28 ގެ ފަހުން ރާއްޖެއަށް އެތެރެ ކުރެވޭނީ އަދި ރާއްޖޭގައި ވިއްކޭނީ އެ އުސޫލުން ތަޢާރަފު ކޮށްފައިވާ ގޮތަށް ޞިއްޙަތުގެ އިންޒާރު ޖަހައިގެންކަމަށެވެ. އެގޮތަށް ޞިއްޙަތުގެ އިންޒާރު ނުޖަހާ، ކުރިން އެތެރެކޮށްފައިވާ މިފަދަ ބާވަތްތައްވެސް 2026 ޖުލައި 27 ގެ ފަހުން ވިއްކުން ހުއްދަ ނުވާނެތީ، ޞިއްޙަތުގެ އިންޒާރު ނުޖަހާ މިހާރު ގެންނަ މިފަދަ ބާވަތްތައް އެތެރެކުރާ ފަރާތްތަކުން (ޞިއްޙަތުގެ އިންޒާރު ޖެހުން މިހާރު ލާޒިމުނުވާ ބާވަތްތައް، އިންޒާރު ނުޖަހާ އެތެރެކުރުން މިހާރު ހުއްދަ ނަމަވެސް 2026 ޖުލައި 27 ގެ ނިޔަލަށް އެތަކެތި ވިއްކާ ޚަލާސް ކުރަންޖެހޭނެކަން ހަނދާންކޮށް) މިކަމަށް ސަމާލުވާންވާނެ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ޞިއްޙަތުގެ އިންޒާރު ޖަހަންޖެހޭ ސުންގަޑި 2026 ޖުލައި 28 ގެ ނިޔަލަށް ފަސް ކުރެވިފައިވީ ނަމަވެސް، އެ ތާރީޚުގެ ކުރިން އެގޮތަށް ޞިއްޙަތުގެ އިންޒާރު ޖަހާ އެތެރެ ކުރުމަކަށް އަދި ވިއްކުމަކަށް މި ގެނެވުނު ބަދަލުން ހުރަހެއް ނާޅާކަމަށެވެ.
އެޗްޕީއޭ އިން ވަނީ ދުންފަތުގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވާސް ހިމެނޭ ބާވަތްތަކާއި އަދި އެ ބާވަތެއް ޕެކެޓް ކުރެވިފައިވާއިރު ޕެކެޓްގައި ތަކެތި ހުންނަ އަދަދާއި އެ ބާވަތެއް އުފެއްދި ގައުމަށް ބަލައި، ތަފާތު އައިޓަމެއްގެ ގޮތުގައި މިހާރުގެ ލިސްޓްގައި ހިމަނާފައި ވީ ނަމަވެސް، މިދިޔަ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު އަދާހަމަކުރި ލިސްޓުގައި، ރާއްޖޭގައި އަލަށް ރަޖިސްޓްރީ ކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީކޮށް ރެޖިސްޓާޑް ޓޮބޭކޯ ޕްރޮޑަކްޓްސް ލިސްޓް ގައި ހިމަނާއިރު، އެއް ބާވަތެއްގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވަސް އެތެރެ ކުރި ނަމަވެސް ފްލޭވާސް އަށް ބަލައި ވަކިން ރަޖިސްޓްރީ ކުރުން މިހާރު ލާޒިމު ނުވާތީ، ތަފާތު ބާވަތެއްގެ ގޮތުގައި ލިސްޓްގައި ހިމަނާއިރު އެއީ ވަކި އައިޓަމެއްގެ ގޮތުގައި ބަލައި ހިމަނާނީ، ދުންފަތުގެ އެ ބާވަތެއް ނިސްބަތްވާ ބާވަތް ނުވަތަ ކެޓަގަރީ (ސްމޯކިން، ސްމޯކްލެސް، ހީޓެޑް ޓޮބޭކޯ، އެހެނިހެން) އާއި، ބްރޭންޑް އަދި އުފެއްދި ޤައުމު އެއްގޮތް ވާނަމަ ކަމަށް ބުނެފައެވެ.
އަދި މިއިން އެއްވެސް ބައެއް ތަފާތު ވާނަމަ، ވަކިން ރަޖިސްޓްރީކޮށް ވަކި އައިޓަމެއްގެ ގޮތުގައި ލިސްޓް ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި ބަދަލާއެކު، ދުންފަތުގެ އެއް ބާވަތެއްގެ އެއް ބްރޭންޑަކަށް ނިސްބަތްވާ ތަފާތު ފްލޭވަސް ވަކިން ރަޖިސްޓްރީ ކުރަން ނުޖެހުނު ނަމަވެސް، ތަފާސް ހިސާބުގެ ބޭނުމަށް ޓަކައި، ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެ ކުރާއިރު، އެ ބާވަތަކީ ފްލޭވަސް ހިމެނޭ ބާވަތެއްނަމަ، ތަކެތި އެތެރެ ކުރާ މަރުޙަލާގައި އެ މަޢުލޫމާތު ހިމެނޭ ލިއެ ކިއުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.