ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންވެއްޖެއެވެ.

އެކަމާއި ގުޅޭގޮތުން އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އައިވީއެފް މެދުވެރިކޮށް ކާމިޔާބުކަމާއެކު ދަރިފުޅު އުފަންވީ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުކަމަށެވެ.

ދަރިފުޅާއި މަންމަގެ ހާލަތު ރަނގަޅުކަމަށް އެބަޔާނުގައި އައިޖީއެމްއެޗުން އިތުރަށް ބުނެފައިވަނީ މި ކާމިޔާބީ ހާސިލްކުރުމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ފާޓިލިޓީ ސެންޓަރުގެ ހިއްސާ ބޮޑުކަމަށެވެ. މީގެއިތުރުން މި ތާރީޚީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އައު އުންމީދެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ހާސިލުވެގެންދިޔަ މުހިންމު ކުރިއެރުމެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

މިކަން ފާހަގަކުރައްވާ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ތާރީޚީ ކާމިޔާބަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުންމީދެއް ކަމަށެވެ.

އަދި އައިވީއެފްގެ ޚިދުމަތް ހޯދުމަށް ރާއްޖޭން ބޭރުގައި އާއިލާތަކުން ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއްކަން ޙަލީމް ފާހަގަކުރެއްވިއެވެ. އަދި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާތަކަކީ، ދިވެހި އާއިލާތައް ބިނާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ޤާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ޚިދުމަތެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އާސަންދައިން އައިވީއެފްގެ ފަރުވާއަށް 50 ޖާގަ ހުޅުވާލީ މިދިޔަ ނޮވެންބަރު މަހު އެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ކުރި އިއުލާނެއްގައިވާ ގޮތުން މިދިޔަ އަހަރު އައިވީއެފްގެ ފަރުވާއަށް 50 ދެމަފިރިއަކަށް އެހީ ހަމަޖައްސައިދޭން ނިންމާފައިވެއެވެ. އެންސްޕާއިން ނޮވެމްބަރ އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ފަރޓިލިޓީ ކެއަރ ފަންޑް މެދުވެރިކޮށް މި ދެ އަހަރުގެ ތެރޭގައި 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 23 ފަރާތެއްގެ ފަރުވާ ވަނީ ކާމިޔާބުވެފަ އެވެ.

މިވަގުތު ރާއްޖެއިން އައިވީއެފްގެ ޚިދުމަތް ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނޭޝަނަލް ފާޓިލިޓީ ސެންޓަރު ހުޅުވާފައިވަނީ 15 ނޮވެމްބަރ 2024 ގައެވެ.