މާލެ، ގަލޮޅު، ހަލަވެލި ގޯޅީގައި ފިރިހެނަކު އަންހެނެއްގެ ބޮލުގައި ޖަހައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން، ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.

ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގި މައްސަލައެއް ފުލުހަށް ރިޕޯޓުކުރީ ރޭ ގާތްގަނޑަކަށް ނުވައެއް ޖަހާކަން ހާއިރެވެ. އެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިޔާގައި ދައުރުވެފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި ފިރިހެނަކު އަންހެން މީހާގެ ބޮލުގައި އެތައް ފަހަރަކު ޖަހާ މަންޒަރު ފެނެއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި ގ. ޝަރާޒް، ޢަލީ ޢިމްރާން ވަޙީދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.