ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސްކަމަށް މި ސަރުކާރުގައި އެގްރިކަލްޗާ މިނިސްޓަރުކަން ކުރިން ކުރެއްވި ޑރ. އާއިޝަތު ރަމީލާ, މިއަދު އައްޔަން ކުރައްވައިފިއެވެ.
އެޗްއާރްސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަނުކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެވެ. ދައުރުން ބޭރުގައި ކުރިޔަށްދިޔަ ޖަލްސާގައި ކުރި ހަމައެކަނި މަސައްކަތަކީވެސް ރަމީލާ އަށް އެޗްއާރުސީއެމްގެ ރައީސްކަން ދިނުމަށް ފެނޭތޯ ވޯޓަށް އެހުމެވެ. އިދިކޮޅު އެމްޑީޕީން ބޮއިކޮޓު ކުރި އެ ޖަލްސާގައި ބައިވެރިވެވަޑައިގެން 38 މެންބަރުންގެ އިއްތިފާގުން ރަމީލާގެ ނަން ވަނީ ފާސްކޮށްފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އެޗްއާރުސީއެމަށް އައްޔަންކުރި ރަމީލާ، އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. އެކަމަކު މަޖިލީހުން ރަމީލާގެ ނަން އިއުލާނުކުރީ، ޗުއްޓީގައި އޮތުމަށް ފަހު ދައުރުން ބޭރުން މިހަފްތާގައި ބޭއްވި ފުރަތަމަ ޖަލްސާގައެވެ.
އެ ޖަލްސާގައި ރިޔާސަތުން ވަނީ ރަމީލާގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުއްވައިފައެވެ.
ހިއުމަން ރައިޓްސް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ، ރަމީލާ އެޗްއާރުސީއެމަށް އައްޔަންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ކަން ފާހަގަކޮށް، އިންޓަވިއުކުރުމަކާ ނުލާ، އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރަން ފެންނަ ކަމަށް އިއްތިފާގުން ނިންމާފައެވެ.
އެގްރިކަލްޗާ މިނިސްޓަރުކަމުގައި ހުންނެވުމަށް ފަހު، ކެންސަރަށް ފަރުވާ ހޯއްދެވުމަށް ރަމީލާ ޑިސެންބަރު 1، 2024ގައި މަގާމުން އިސްތިއުފާ ދެއްވިއެވެ.