ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންދިނުމުގައި ހައްގުވާ ތާރީޚުން ފެށިގެން ދިނުމަށް ލިބޭ ގޮތަށް ބަދަލުކޮށް އުސޫލު އިސްލާހުކޮށްފިއެވެ.

މި އުސޫލަކީ ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުގެ ދަށުން އެކުލަވާލައިފައިވާ " މުސާރައިގެ ކުރިއެރުން ދިނުމުގެ މިންގަނޑު" ގެ ދަށުން ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ އުސޫލެކެވެ.

އުސޫލަށް ގެނައި އިސްލާހުގައި ވަނީ މުސާރައިގެ ކުރިއެރުން ދެވޭނީ، މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަވުމާއެކު، އެ ކުރިއެރުން ދިނުމަށް ބޭނުންވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން ގެ ހުއްދަ އާއެކު ކޮމިޝަނަށް ހުށަހެޅުމުން، އެ މުވައްޒަފަކަށް ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން ކަމަށެވެ. އުސޫލުގައި ކުރިން އޮންނަ ގޮތުން މުސާރައިގެ ކުރިއެރުން ދެވޭނީ އެކަމަށް ބޭނުންވާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހު ކޮމިޝަނަށް ހުށަހެޅުމުން، މިނިސްޓްރީން ހުއްދަ ދީފައިވާ ތާރީހުން ފެށިގެންނެވެ.

އުސޫލުގައި ވާގޮތުން ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންގެ މަސައްކަތްތަކުގެ ފެންވަރު ބެލުމުގެ ނިޒާމުން 75 އިންސައްތަ ކަމުގައި ބަލާ "ބެންޗް މާކް" ގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަން އިން ބަލާނީ 85 އިންސައްތަ މާކްސްކަމަށެވެ.

ހަމަ މިއާއެކު މުސާރައިގެ ކުރިއެރުމުގައި ބަލާފައިވާނީ ދައުލަތުގެ ޕޭ ފްރޭމް ވޯކްގެ "މަގާމުގެ އެލަވެންސް" ގެ 1 ވަނަ ހަރުފަތުން 2 ވަނަ ހަރުފަތަށް އަދި 2 ވަނަ ހަރުފަތުން 3 ވަނަ ހަރުފަތަށް ލިބޭ ކުރިއެރުން ކަމަށް އުސުލުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން 1 ވަނަ ހަރުފަތުން 2 ވަނަ ހަރުފަތަށް ކުރިއެރުން ލިބޭނީ 1 ވަނަ ހަރުފަތުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް އެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެ ދެއަހަރުވެސް މަދުވެގެން 85 އިންސައްތަ މާކްސް ހޯދައިގެން ކަމަށާއި 2 ވަނަ ހަރުފަތުން 3 ވަނަ ހަރުފަތަށް މުސާރައިގެ ކުރިއެރުން ލިބޭނީ 2 ވަނަ ހަރުފަތުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް އެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެ ދެއަހަރުވެސް މަދުވެގެން 85 އިންސައްތަ މާކްސް ހޯދައިގެން ކަމަށް އުސޫލުގައި ފާހަގަކޮށްފައިވެއެވެ.

މި އުސޫލަށް އަމަލުކުރަން މިޔަދު ވަނީ ފަށާފައެވެ.