ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވިޔަފާރިކުރާ ތަންތަން ބެލުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ތެރެއިން 04 ތަނެއް ބަލައި ފާސްކޮށް، ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މިއަދު މާލޭގައި ބިދޭސީން ހިންގަމުންދިޔަ 04 ތަނެއް ބަލައި ފާސްކޮށް، 01 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މީގެ އިތުރުން ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ހުޅުމާލޭގައި ހިންގަމުންދިޔަ 04 ތަނެއް ބަލައި ފާސްކޮށް، ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގުރޭޝަން އިން މައުލޫމާތުދެއެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މަސާޖްޕާލާގެ މައްސަލައަކީ މުޅި މާލެއަށް ދިމާވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއްކަނަ ފާހަގަކުރައްވާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި 52 މަސާޖްޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. އޭގެފަހުން ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި އޮޕަރޭޝަންގެ ދަށުން 96 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމުގައި 31 ޑިސެމްބަރ ގައި ރައީސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ފުލުހުންނާއި އިމިގްރޭޝަންއާ ގުޅިގެން އަބަދުވެސް މިފަދަ ތަންތަން ބަލާ ފާސްކުރަމުންދާކަމަށެވެ. ނަމަވެސް މާލޭގެ ރައްޔިތުންނާއެކު މިހާތަނަށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން އެކަންކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ފާޅުކުރިކަން ފާހަގަކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މިފަދަ މަސާޖްޕާލާތައް ހުއްޓުވުމަށްޓަކައި އިތުރަށް އިސްކަން ދީގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް މައުލޫމާތުދެއްވިއެވެ.
އެގޮތުން ރައީސް ވިދާޅުވީ އެފަދަ ތަންތަން ބަލާ ފާސްކުރުމުގެ ތެރޭގައި ނުގަވާއިދުން ތިބޭ ބިދޭސީން ރާއްޖެ އިން ފޮނުވާލާނެކަމަށެވެ.
ހަމަ މިއާއެކު ރާއްޖޭގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް އިގުތިސާދީ ވުޒާރާއިން ކުރި އިއުލާނާ ގުޅިގެން، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ގައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަން ފާހަގަކުރެވެއެވެ.