ހޮނިހިރު ދުވަހު އެމެރިކާ ސިފައިން ވެނެޒުއޭލާއަށް އަރާ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން ވަގަށް ނެގި ޚަބަރާއެކު އިސްރާއީލުގެ ސިޔާސީ ލީޑަރެއްކަމުގައިވާ ޔައިރް ލިޕިޑް ވަނީ އިރާނަށް އިންޒާރު ދީފައެވެ.

އެޚަބަރުން މުޅި ދުނިޔެއަށް ސިހުން ގެނެވިތަނާ މަދު ގަޑިއިރުތަކެއް ފަހުން ޔައިރް ލަޕިޑް ވަނީ އިރާނުގެ ސަރުކާރުން ވެނެޒުއޭލާއަށް ވަމުންދާ ގޮތް ގާތުން ބަލަމުންދާންޖެހޭކަމަށް ބުނެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެނެޒެއޭލާގެ ރައީސް ބާރުގެ ބޭނުންކޮށްގެން ގަދަކަމުން ވަގަށް ނެގިއިރު އެކަންކޮށްފައިމިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އެމެރިކާއަށް ކުރި ދަތުރުގައި އިރާނަށް އައު ހަމަލާތަކެއް ދިނުމުގެ އިންޒާރުދިންތާ ހަފްތާއެއްވެސް ނުވަނީހެވެ.

އެމެރިކާއިން އިރާނާމެދު ގެންގުޅޭ ސިޔާސަތާއި ވެނެޒުއޭލާއާ މެދު ގެންގުޅޭ ސިޔާސަތުގައި ތަފާތުކަމެއް ހުރިނަމަވެސް މަސްރަހު ދިރާސާކުރާ މާހިރުންދެކޭ ގޮތުގައި މިއީ އެމެރިކާއިން އިރާނަށް ހަމަލާދިނުމުގެ ފުރުސަތު ބޮޑުކަން ދައްކުވައިދޭ ކަމެކެވެ.

ނޭޝަނަލް އިރާނިއަން އެމެރިކަން ކައުންސިލުގެ ރައީސް ޖަމާލް އަބްދީ އަލްޖަޒީރާއާ ވާހަކަދައްކަވަމުން ވިދާޅުވީ ހުރިހާ ގާނޫނުތަކެއް މުގުރާފައި ކުރާ މިފަދަ ކަންކަމާއެކު އަމާންކަން ގާއިމުވުން ދުރުވެ ހަނގުރާމައަކާ ދިމާލަށް ދިޔުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށެވެ. ޓްރަމްޕްގެ މިއަމަލާއެކު އިރާނަށް ހަމަލާދޭން ބޭނުންވެފައިވާ މީހުންނަށް އެކަންކުރުމަށް އައު ދޮރުތަކެއް ހުޅުވިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މަޑޫރޯ ވަގަށް ނެގުމާއެކު އިރާނަށް ކުރަން މަޖުބޫރުވާ ކަމެއްގެ ސަބަބުންވެސް އިރާނަށް ހަމަލާދޭނެ ފުރުސަތެއް އެފަރާތްތަކަށް ލިބިގެން ހިނގައިދާނެކަމަށް ވިދާޅުވިއެވެ.

ސެންޓަރ ފޮރ އިންޓަރނޭޝަނަލް ޕޮލިސީގައި މަސައްކަތްކުރައްވާ ސީނިއާ އޮފިޝަލެއްވެސް ވެސް ވަނީ ޓްރަމްޕްގެ މިއަމަލާއެކު ޑިޕްލޮމަސީގެ ދޮރު ބަންދުވެ ހަނގުރާމަތަކާ ދިމާލަށް ދިޔުމުގެ ދޮރުތައް ހުޅުވިގެންދާކަމަށް ވިދާޅުވެފައެވެ. އިރާނުން މިވަގުތު އޮތީ އެމެރިކާއިން ބޭނުންވާ ގޮތަށް ދޫދޭގޮތަކަށް ނޫނެވެ. އެމެރިކާއިން ބޭނުންވަނީ އިރާނުން ނިޔުކުލިއަރ ހަކަތަ ތަރައްގީކުރުން އެއްކޮށް ހުއްޓާލުމަށެވެ. އެކަން ނިމުމަކަށް ގެނައުމަށެވެ. ނަމަވެސް އިރާނުން އޮތީ އެކަން ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އެހެންކަމުން ވާހަކަދައްކައިގެން މިމައްސަލައަށް ހައްލު ގެނައުމަށް ހުރި ފުރުސަތު ކުޑަވުމާއެކު ދެން އޮންނަ ގޮތަކީ ޓްރަމަޕް އަމަލުކުރަމުންދާ ގޮތަށް ބަލާއިރު ހަނގުރާމައަކަށް ދިޔުންކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދީ އިތުރަށް ވިދާޅުވީ ޓްރަމްޕްގެ މިއަމަލާއެކު އެމެރިކާއަށް އިތުބާރު ކުރުމަކީ ބޭކާރު ކަމެއްކަމަށާއި ނިޔުކުލިއަރ ހަތިޔާރު އުފެއްދުމަކީ އިރާނަށް އޮތްގޮތްކަމަށް ބުނާ ފަރާތްތަކުގެ ބުނުމަށް އިތުރު ބާރެއް ލިބިގެންދާކަމަށެވެ.

އެމެރިކާއިން ވެނެޒުއޭލާއަށް ކުއްލި ގޮތަކަށް ހަމަލާތައް ދީ އެގައުމަށް އަރާ ދަންވަރުގެ ވަގުތު މަޑޫރޯ އާއި އަނބިކަނބަލުން އެބޭފުޅުންގެ ކޮޓަރިން ވަގަށް ނެގުމުން އިރާނުން ވަނީ އެއަމަލު ކުށްވެރިކޮށްފައެވެ. އިރާނުން ވަނީ އެއީ ގާނޫނުތަކާއި ޚިލާފުކަމެއްކަމަށާއި ވަގުތުން އދ އެކަމުގެ ތެރެއަށް ވަނުމަށް ގޮވާލާފައެވެ.

އެހެންކަމުން މިހާރު އުފެދޭ ސުވާލަކީ ވެނެޒުއޭލާގެ ސަރުކާރު ބަދަލުކޮށްލުމަށް ޓްރްމަޕް ކަންތައް ކުރި ބީދައިން އިރާނުގެ ސަރުކާރު ބަދަލުކޮށްލުމަށްވެސް ކަންތައްކޮށްދާނެތޯއެވެ.

އެސުވާލުގެ ޖަވާބަކީ އިސްރާއީލުން ވަނީ މީގެކުރިންވެސް އިރާނުގެ އިސް ލީޑަރުން އަވަހާރަކޮށްލަން މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި އިރާނުގެ މިހާރުގެ ރައީސް މަސްއޫދު ޕެޒެޝްކިއާވެސް ހިމެނިވަޑައިގަންނަވައެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިސްރާއީލުން ވަނީ އިރާނާއެކު 12 ދުވަހުގެ ހަނގުރާމައެއްކޮށްފައެވެ. އެހަނގުރާމަ ނިމިގެންދިޔައީ އެމެރިކާއިންވެސް އެކަމުގެ ތެރެއަށް ވަދެ އިރާނުގެ ނިއުކްލިއަރ ޕްލާންޓްތަކަށް ހަމަލާދީގެންނެވެ. އަނެއްކޮޅުން ޓްރަމްޕް ވަނީ ޚާމަނާއީ އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދީފައެވެ. އަދި އެހަނގުރާމައިގެ ތެރެއިން ޚާމަނާއީ އަވަހާރަކޮށްލަން މަސައްކަތްކޮށްފައިވާކަމަށް އިސްރާއީލުންވެސް ވަނީ އެއްބަސްވެފައެވެ.

އިރާނުން ވަނީ އިރާނު ސަރުކާރުގެ އިސްވެރިން އަވަހާރަކޮށްލިނަމަވެސް ސަރުކާރު ބަދަލުނުކުރެވޭ ފެންވަރަށް އެއިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ބުނެފައެވެ.

އަބްދީ ވިދާޅުވީ ސަރުކާރު ބަދަލުކުރެވޭ ފެންވަރުގެ އެފަދަ އޮޕަރޭޝަނެއް އެމެރިކާއަށް އިރާނުގައި ހިންގުމަކީ އަދި އެހާ ފަސޭހައިން ކުރެވޭކަމެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާކަމަށެވެ.