ހަރަދު ކުޑަ ކުރުމުގެ ހެޔޮ ނިޔަތުގައި ދެ އިންތިހާބެއް އެއް ކުރާނަމަ އެއް ކުރާނީ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީގައި ދައުރުން ބޭރުން ޖަލްސާތައް ބާއްވައި ދެ އިންތިހާބު ބޭއްވުމުގެ އިސްލާހު ހުށަހަޅައިގެން ކުރަމުންދާ މަސައްކަތަށް ފާޑު ވިދާޅުވެ ފައްޔާޒް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ލިބޭ ފައިދާ އާއި ގެއްލުން އެބަހުރި ކަމަށެވެ. އެހެންނަމަވެސް ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުން ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ މަތިބަރު ސަރުކާރަކަށް ވާއިރު އެކަމުން ވޯޓާ ގުޅުންހުރި ކަންކަމުގައި "ހަރަދު ކުޑަކުރަން" ކުރަން އުޅޭ ކަންކަމާމެދު އެންމެހާ ދިވެހިން ވިސްނާލުން ބުއްދިވެރިކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މަޖިލިސް އިންތިހާބަކީ ސަރުކާރަށް ފާރަވެރިވެ ގާނޫނު ހަދާ އެންމެމަތީ ބާރަށް މަންދޫބުން ހޮވާ އިންތިހާބަށް ވާއިރު ރައްޔިތުންގެ ބާރުވެރިކަން މަޖިލީހުގައި ބާއްވައި ކޮލިޓީ މެންބަރުން އިންތިހާބުކުރަން މަސައްކަތް ކުރުން މާ މުހިންމު ކަމަށެވެ. އެގޮތުން އިންތިހާބީ އާބާދީ ބޮޑުކޮށް އަތޮޅުތަކަށް މެންބަރުން ހޮވަން ތާއީދު ކުރައްވާ ކަމަށާއި ކޮންމެ 5،000 މީހުންގެ އާބާދީއަކަށް ދާއިރާއެއް އޮންނަ އުސޫލު އުވާލުން ރަނގަޅުކަމަށް ވެސް ވިދާޅުވި އެވެ.

ހެޔޮ ނިޔަތެއް އޮތްނަމަ މަޖިލިސް އިންތިހާބު ދެ ބަޔަކަށް ބަހާލައި ރިޔާސީ އިންތިހާބާއެކު ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި އަދި ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ އަނެއް ބައި މެންބަރުން އިންތިހާބު ބޭއްވުން ރަނގަޅު ކަމަށް ދެކިލައްވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެއީ ސަރުކާރުގެ ޕާފޯމަންސަށް ބަލައި ގޮތް ނިންމުމަށް ރައްޔިތުންނަށް ދެވޭނެ ފުރުސަތެއް ކަމަށާއި ހަރަދު ކުޑަކުރަން އިންތިހާބުތައް އެއްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްްކަން ސާފުކަމަށް ވިދާޅުވި އެވެ.

ހެޔޮ ނިޔަތުގައި ހަރަދު ކުޑަކުރާނަމަ އެއްކުރަންވީ ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މަޖިލިސް ޗުއްޓީގައި ކުއްލިއަކަށް މެންބަރުން އެއްކޮށް، ދައުރުން ބޭރުން ގާނޫނުއަސާސީއަށް ބަދަލު ގެންނަން އުޅުމާ މެދު ފުންކޮށް ވިސްނައި ފިކުރުކުރުމަށް ފައްޔާޒް އެދި ލެއްވި އެވެ. އަދި ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނެ މިފަދަ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމުގެ ފުރުސަތު ދޭން ވާނެކަން ފާހަގަކުރައްވައި މަދު މެމްބަރުންތަކަކާއެކު މި ބަހުސް ކުރެއްވުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ހައްސާސް މައްސަލައެެއް ނެތް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދައުރުން ބޭރުން ބާއްވަމުން ދަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއިން މަޖިލީހުގެ ޖަލްސާތައް ވަނީ ބޯއިކޮޓް ވެސް ކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން ހޯމަ ދުވަހުގެ ޖަލްސާގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ދައުރުން ބޭރުން ޖަލްސާ ބޭއްވި ނަމަވެސް އެއްވެސް ކަމެއް އަވަސް އަރުވާލައިގެން ކުރަން ނޫޅޭ ކަމަށެވެ. އަދި ދައުރުން ބޭރުން ޖަލްސާތައް ބޭއްވުން މިއީ އަލަށް ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މި ދުވަސްވަރަކީ މަޖިލީހުގެ އިތުރުން ސްކޫލް ބޮޑު ބަންދަށް ވާއިރު ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހި ގަޑީވެސް މަޖިލީހުގައި ތިއްބެވީ 93 މެމްބަރުންގެ ތެރެއިން އެންމެ 56 މެމްބަރުންނެވެ. މިހާ މަދު އަދަދެއްގެ މެމްބަރުންނާއެކު ދައުރުން ބޭރުން ޖަލްސާތައް ބޭއްވުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް އިދިކޮޅު މެމްބަރުން އަންނަނީ ފާހަގަކުރައްވަމުންނެވެ.