ހިޔާނާތާއި މަނީލޯންޑަރިންގެ އިތުރު ދައުވާތަކެެއް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ސާބިތުވާ މައްސަލައިގައި އިތުރު 23 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ބައްސާމް ގެންދަނީ ތަންފީޒު ކުރަމުންނެވެ. އޭގެ ތެރެއިން ހިޔާނާތުގެ ދައުވާއެއްގައި މިދިޔަ އޮކްޓޫބަރު މަހު ހުކުމްކުރީ ހަތަރު އަހަރުގެ މުއްދަތަށް ޖަލަށް ލުމަށެވެ. އަދި މަނީ ލޯންޑައިންގެ ދައުވާއެއްގައި ފަސް އަހުގެ މުއްދަތަށް ޖަަލަށްލާން ހުކުމްކުރީ އޮކްޓޫބަރު މަހުގެ 30 ގައެވެ. އެފްއެމްގެ ހިޔާނާތުގެ ދައުވާ ތަކުގެ ތެރެއިން، ބައްސާމުގެ މައްޗަށް އިތުރު ދެ ދައުވާއެއް ސާބިތުވާކަމަށް މިދިޔަ އާދިއްތަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފަންޑުގެ، 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމަކީ މި މައްސަލަތަކަށް ހުކުމް އިއްވުމުގެ އަޑުއެހުމެކެވެ. މި ދެ މައްސަލައިގެ ތެރެއިން، ހިޔާނާތުގެ ކުށުގެ ދައުވާގައި މި މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ގާޒީ ގާޒީ މުހައްމަދު މިސްބާހު ހުކުމް އިއްވީ، އަސާސީ އަދަބަށްވުރެ ތިން ދަރަޖަ މަތިކޮށް، އަށް އަހަރަށް ޖަލަށް ލުމާއެކު، ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
މަނީ ލޯންޑަރިންގެ ދައުވާ ގައި 15 އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މަނީލޯންޑާކުރި 44.7 މިލިއަން ރުފިޔާ ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ. މަނީލޯންޑާކުރިކަމަށް ބުނާ 5.7 މިލިއަން ރުފިޔާ ހުރި ތަނެއް ހޯދައި ދައުލަތަށް ނެގުމަށް ވެސް ހުކުމް ކޮށްފައިވެއެވެ.