ޤާނޫނު ނަންބަރު 27/2025 (ޒަކާތުގެ ޤާނޫނު) ގެ ދަށުން އުފައްދަވާފައިވާ "ޒަކާތު ކައުންސިލް" ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ޒަކާތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ 8 ވަނަ ނަންބަރުގެ ދަށުން، މިފަހަރު ހުޅުވާލައްވާފައި ވަނީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން 2 (ދޭއް) މެންބަރުން އެ ކައުންސިލަށް ޢައްޔަންކުރެއްވުމަށެވެ.
މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން 2026 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.