ހއ. ދިއްދޫ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއަކީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިް ކުރިއަށް ގެންދާ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ރަަސްމީކޮށް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ މިއީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އުމްރާނީ ތަރައްގީ އާއި ދަތުރުފަތުރުގެ ގުޅުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޒަމީރު ވިދާޅުވީ މި މަޝްރޫއަކީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ، އަމަލީ ނަތީޖާއަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި ބިން ހިއްކުމަކީ ހަމައެކަނި ބިން އިތުރުކުރުން ނޫން ކަމަށާއި، އޭގެ ސަބަބުން ހިދުމަތްތައް ހޯދުމަށް ފަސޭހަވެ، އާންމު ހިދުމަތްތައް ވަރުގަދަވެ، ދިއްދޫގެ އިތުރުން ކައިރި ރަށްތަކަށް ވެސް އޭގެ ފައިދާ ކުރާނެ ގޮތަށް ރޭވުންތެރިކަމާއެކު ކުރިއަށްދާ ތަރައްގީގެ މަޝްރޫއެއް ކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ވައިގެ މަގުން ގުޅާލެވުމުން ސިއްހީ ހިދުމަތްތައް ހޯދުމަށް ފަސޭހަވެ، ދަރިވަރުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ދަތުރުފަތުރަށް ލުއިލިބި، ވިޔަފާރި ފުޅާވެ، ސަރަހައްދީ އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ރައްކާތެރި ބޯހިޔާވަހިކަމާއި ފުރިހަމަ ވަސީލަތްތަކާއެކު ދިރިއުޅެވޭނެ މުޖުތަމައެއް ބިނާކުރުމަށްޓަކައި، ރޭވުންތެރިކަމާއެކު ބޯހިޔާވަހިކަން ތަރައްގީކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

ޒަމީރު އިތުރަށް ވިދާޅުވީ ކަރަންޓާއި، ފެނާއި، ނަރުދަމާއާއި، ކުނި މެނޭޖުކުރުމާއި، މަގުތައް ހެދުން ފަދަ އަސާސީ ހިދުމަތްތަކަކީ އާންމު ސިއްހަތާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމަށެވެ. އަދި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އިސްކަންދެނީ ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކޮށް، މަސައްކަތްތައް ތަރުތީބުކޮށް، ޖަވާބުދާރީވަނިވި ގޮތެއްގައި ނަތީޖާ ހާސިލުކުރުމަށް ކަމަށް ޒަމީރު ވިދާޅުވިއެވެ.

މި މަސައްކަތުގެ ސަބަބުން ދިއްދޫއަކީ އުތުރުގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، މީގެ ސަބަބުން އާ ފުރުސަތުތައް ހުޅުވި، ރައްޔިތުންގެ އާމްދަނީ އާއި ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.