މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކުޅުދުއްފުށި ސިޓީން ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަން / މުރިނގު، ޢުމުރުން 35 އަހަރުގެ އަޙްމަދު ޢަބްދުއްރައްޒާޤު އާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ، ޢުމުރުން 28 އަހަރުގެ ހޮސައިން ރިއާޒެވެ.ފުލުހުން ބުނީ، މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަބްދުއްރައްޒާޤު ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ މަގުމަތިން ކަމަށެވެ.
މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ރަބަރުކޮޅު އޭނާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ހޮސައިން ރިއާޒް ވެސް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ މަގުމަތިން ކަމަށް ފުލުހުން ބުނެއެވެ. މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން މި ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުކޮޅެއް އޭނާގެ އަތުންވެސް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ މީީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޢަބްދުއްރައްޒާޤު 15 ދުވަހަށް އަދި ހޮސައިން ރިއާޒް ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުން ނެވެ.