ހެންވޭރުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކުލިނިކުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ.
މިއީ މާލެ ސަރަޙައްދުގައި ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.މާލެ ސަރަޙައްދުގައި ޖުމްލަ ހަ ޖީޕީ ކުލިނިކު ޤާއިމު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ ހަތަރު ސަރަޙައްދެއްގައި ތަރައްޤީ ކުރާ ހަތަރު ކުލިނިކާއި، ހުޅުމާލޭގައި ތަރައްޤީ ކުރާ 2 ކުލިނިކެވެ.
މީގެ ތެރެއިން މާފަންނުގައި ތަރައްޤީ ކުރި ކުލިނިކުގެ ޚިދުމަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަށާފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގައި ތަރައްޤީ ކުރާ ކުލިނިކުގެ މަސައްކަތް މިހާރު ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ހެންވޭރުގައި ތަރައްޤީ ކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މީގެ އިތުރުން އަމާން އުދަރެސްގައި ޤާއިމުކުރާ ކުލިނިކުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖީޕީ ކުލިނިކުތައް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ މާލެ ސަރަޙައްދުގެ ބޮޑެތި ހޮސްޕިޓަލްތަކުގެ އެމަރޖެންސީ ރޫމްތަކަށް (އީއާރު) އޮންނަ ބާރު ކުޑަކުރުމެވެ. ހޮސްޕިޓަލްތަކުގެ މެނޭޖްމަންޓުން ފާހަގަކުރާ ގޮތުގައި، އާންމު ހުމާއި ރޯގާ ފަދަ ބަލިތަކުގައި ގިނަ ބަޔަކު އީއާރަށް ދިއުމުގެ ސަބަބުން، ސީރިއަސް ކޭސްތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެގެންދެއެވެ. މި ކުލިނިކުތަކާއެކު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން އާންމު ބަލިތަކަށް ފަރުވާދެވޭނެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ޤާއިމުވެގެންދާނެއެވެ.