ރާއްޖޭގައި ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި, ޒަކާތު ފަންޑު ބެލެހެއްޓުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ދެމެދު އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

ޒަކާތު ފަންޑު ބެލެހެއްޓުމުގެ މަސައްކަތް އެމްއެމްއޭއާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ، ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެމްއެމްއޭއާއި ހަވާލުކުރެވިގެން ދިޔުމަކީ މި ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އޭގެ އިތުރުން ވަޒީރު ވިދާޅުވީ، މިފަންޑު ބަލަހައްޓާނީ ވަކި ޚާއްޞަ އެކައުންޓެއްގައި ވަކި ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން ކަމަށެވެ.

ރާއްޖޭގައި ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ނެވެ. އެގޮތުން ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލައި، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަނީ ޚާއްޞަ އިދާރާއެއް އުފައްދަވާފަ އެވެ.