ހއ. ދިއްދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ، އެކަމަށްޓަކައި ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރުއެވެ.

އެމްއޭސީއެލްއިން ބުނީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އެރަށަށް 115 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ މިހާރު ދިއްދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއޭސީއެލްއިން ބުނީ މި ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށާއި، މި ޑްރެޖަރަކީ 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއްކަމަށެވެ.

މިދިޔަ އަހަރު ދިއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދިއްދޫގެ ތަރައްޤީއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި، ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބަޔާންކުރެއްވި ކޮންމެ ކަމަކީ ރައްޔިތުންނަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން އޮތުމުން ވެވަޑައިގެންފައިވާ ވަޢުދުތަކެއް ކަމަށެވެ. އަދި އެންމެ ޚާއްޞަ ކަމަކަށް ކުރާ އެއާޕޯޓުގެ މަސައްކަތަކީ، ދިއްދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއް ކަމަށާއި، އެއީ ދިއްދޫއާއި މުޅި އަތޮޅުގެ މެދު އަދި ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭނަށް މުހިންމު މަޝްރޫޢުއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.