އެމެރިކާ ސިފައިން ވެނެޒުއޭލާއަށް އަރާ ކިޑްނެޕްކޮށްގެން ގެންގޮސްފައިވާ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުންގެ މައްޗަށް ކުރެވޭ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުމަށް ނިއުޔޯކް ކޯޓު ހައުސްއަށް ހާޒިރުކޮށްފިއެވެ.

ގާތްގަނޑަކަށް 6 މަސް ދުވަސްވަންދެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޑޫރޯ އަށް އެކި ގޮތްގޮތުން އިންޒާރު ދެމުންގޮސް އެންމެފަހުން ހޮނިހިރު ދުވަހު އެމެރިކާއިން ވަނީ ވެނެޒުއާލާއަށް ހަމަލާދީފައެވެ. އަދި ދެ ގަޑިއިރު ތެރޭގައި މަޑޫރޯ އާއި އަނބިކަނބަލުން އެމެރިކާއަށް ގެނެސްފައިވާއިރު އެ ދެކަނބަލުން ތިއްބެވީ ނިއުޔޯކްގެ މެޓްރޮޕޮލިޓަން ޑިޓެންޝަން ސެންޓަރުގައެވެ. އަދި ހެލިކޮޕްޓަރެއްގައި ފުލް ސެކިޔުރިޓީއާއެކު މިހާރު ވަނީ ނިއުޔޯކް ކޯޓު ހައުސްއަށް ގެނެސްފައެވެ.

ވީޑިއޯއިން ފެންނަގޮތުގައި މަޑޫރޯ އާއި އަނބިކަނބަލުން ކޯޓު ހައުސް އަށް ގެނެސްފައިވަނީ ބިޑި އަޅުވައިގެންނެވެ.

ނިއުޔޯކް ކޯޓު ހައުސްގައި ޑިސްޓްރިކްޓް ޖަޖު އެލްވިން ކޭ ހެލެސްޓިންގެ އަރިހަށް ހާޒިރުކޮށް ދެ ބޭފުޅުންގެ މައްޗަށްކުރެވޭ ދައުވާތަކުގެ ތަފްސީލު އިއްވާނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ދެބޭފުޅުންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލެއެވެ. އޭގެތެރޭގައި ހިމެނެނީ ޑްރަގް ޓްރެފިކް ކުރުމާއި ، ހަތިޔާރު ގެންގުޅުން ހިމެނެއެވެ. ދައުވާތައް އަޑުއިއްވުމަށްފަހު ޑިފެންސް ލޯޔަރެއްގެ ފުރުސަތު ދޭނެއެވެ. މަޑޫރޯ އާއި އަނބިކަނބަލުންގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ޝަރީޢަތް ތިން އަހަރު ދުވަހަށްވެސް ދިގު ދެމިގެން ހިނގައިދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން ވެނެޒުއޭލާގެ ސްޕްރީމް ކޯޓުން ވަނީ އެގައުމު ހިންގުން ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް އަށް ދީފައެވެ.

ގައުމު ހިންގުމުގެ ބާރު ނައިބު ރައީސަށް ދީފައިވާއިރު ޓްރަމްޕް ބުނެފައިވަނީ ހިންގުމުގެ ކަންކަން ހަމައަކަށް އެޅެންދެން ވެނެޒުއޭލާ ހިންގާނީ އެމެރިކާއިން ކަމަށެވެ. އަދި ވެނެޒުއޭލާގެ ތެލުގެ ރިޒާވްވެސް ބަލަހައްޓާނީ އެމެރިކާއިން ކަމަށް ވަނީ ބުނެފައެވެ.

ޓްރަމްޕްގެ މި އަމަލާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އެމެރިކާ އާ ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފުކަމެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.