ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ވެސް ބޭއްވުމަށް ތާވަލު ކޮށްފި އެވެ.

މާދަމާގެ އެޖެންޑާއަށް އާ ބިލެއް ނުވަތަ އިސްލާހެއް ތާވަލުކޮށްފައެއް ނެތެވެ. މިއަދުގެ ޖަލްސާގައި ހުށަހަޅާ ބާކީ ނުނިމި ހުރި މަސައްކަތްތަކުގެ ބަހުސް މަރުހަލާ ކުރިއަށް ގެންދިޔުމަށް ވެސް ތާވަލުކޮށްފައެއް ނެތެވެ.

މާދަމާގެ އެޖެންޑާގައި އޮތީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ރައީސްގެ ނަން ފާސްކުރުމަށް މާދަމާ ވޯޓަށް އެހުމަށެވެ. ހިޔުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރުމަށް ރައީސް ފޮނުވާފައިވަނީ މި ސަރުކާރުގައި މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އާއިޝަތު ރަމީލާ އެވެ.

މިއަދުގެ ޖަލްސާއަށް ފާހަގަކުރެވޭ އާ ބިލުތަކަކާއި އިސްލާހުތަކެއް ހުށަހަޅައި އެކަމުގެ މަސައްކަތްތައް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި

  • ރައްޔިތުންގެ މަޖިލީހުގެ މި ދައުރުކުރުކޮށްލައި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކީ ބޭއްވުމަށް ހުށަހެޅި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު

  • ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ޖެހިއްޖެ ހާލަތުގައި ޕެންޝަން ފައިސާ ދޫކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖުވާ ކުޅޭ މީހުންނަށް ދޭނެ އަދަބުތައް ކަނޑައަޅައި ބަޔާންކޮށް ހުށަހެޅި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު

މީގެ އިތުރަށް ވެސް، 75 އަހަރާ ހަމައަށް ވަޒީފާގައި ދެމި ހުރެވޭނެ ގޮތަށް ހެދުމަށް ހުށަހެޅި ރީ އެމްޕްލޯއީމަންޓް ބިލު ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުކުރުކޮށްލައި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކީ ބޭއްވުމަށް ހުށަހެޅި އިސްލާހު ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި ހުށަހެޅުމުން އެކި ފާޑުކިޔުންތައް ވަނީ ކުރިމަތިވެފަ އެވެ. އެހެންނަމަވެސް އެކަން އަވަސް އަރުވާލައިގެން ފާސް ކުރަން މަސައްކަތް ނުކުރާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވެ އެވެ.