ވައްކަން ކުރާނެ ދޮރުތައް ބަންދުވާ އިސްލާހުތަކާއި ބިލުތައް އެމްޑީޕީގެ މެމްބަރުންނަށް ކަމުނުދާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން އިސްލާހު ހުށަހެޅީ އަވަސް އަރުވާލައިގެން ދެ އިންތިހާބު އެއްކޮށް ބާއްވަން ހުށަހެޅި އިސްލާހު މާދަމާ ފާސްކުރަން ނޫން ކަމަށެވެ.
މިކަމާއި ކުރިން ފެށިގެން އައީ ތައްޔާރުވަމުން ކަމަށާއި އަވަސް އަރުވާލައިގެން މި އިސްލާހު ފާސް ކުރަން ނޫޅޭ ކަމަށް ފަލާހު ވިދާޅުވި އެވެ. މިއީ މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި އޮތް މަޖިލީހާ ތަފާތު މަޖިލީހެއް ކަމަށާއި އެގޮތަށް އަވަސް އަރުވާލައިގެން ސަރުކާރުން ބޭނުންވާ އިސްލާހުތަކާއި ބިލުތައް ފާސްކުރީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށް ފަލާހު ތުހުމަތު ކުރެއްވި އެވެ.
ފަލާހު ވިދާޅުވީ މި އިސްލާހު ކޮމެޓީ މަރުހަލާއަށް ހުށަހަޅާ ކޮމެޓީ މަރުހަލާގައި ކަމާއި ގުޅުން ހުރި ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދަން އެތައް ވަގުތެއް ހޭދަވާނެ ކަމަށެވެ.
ފަލާހު އިތުރަށް ވިދާޅުވީ ސިޔާސީގޮތުން އެމްޑީޕީއަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކޮންމެ އިސްލާހަކީ ނުވަތަ ގާނޫނަކީ އެއީ ގޯސްކަމެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމަށް އެމްޑީޕީގެ މެމްބަރުން ދެކޮޅު ހައްދަވަނީ އެހެންވެ ކަމަށް ފަލާހު ވިދާޅުވި އެވެ.
އެ މޭރުމުން ވާހަކަ ދައްކަވަމުން ފަލާހު ވަނީ ވައްކަމެއް ކުރަން އޮތް ދޮރުތައް ބަންދުކުރެވޭ ކޮންމެ އިސްލާހެއް އެމްޑީޕީއަށް ގޯސްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ހަޒާނާއަށް ލޮޅުމެއް އަރާނެ ކޮންމެ ކަމެއް އެމްޑީޕީއަށް ރަނގަޅުވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
މަޖިލިސް އިބްތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ފާސްވެއްޖެނަމަ މަޖިލީހުގެ މި ދައުރު 2028 އާ ހަމައަށް ކުރުވާނެ އެވެ.