ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ގާއިމުކުރުމަށް މިސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން މިހާރު އެޚިދުމަތް ނުފެށި ވަނީ 3 އަތޮޅެއްގައިކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެފައި ވަނީ، 2024 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލެސިސްގެ ޚިދުމަތް ފެށޭނެ ކަމަށެވެ. އޭގެފަހުން ހެލްތު މިނިސްޓަރުކަމަށް ވަޑައިގެންނެވި ނާޒިމް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނާޒިމް ވިދާޅުވެފައި ވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލެސިސްގެ ޚިދުމަތް ދެވެން ފެށޭނެ ކަމަށެވެ.
ސިއްހީ ދާއިރާއިން ކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމުން މިއަދު ރައީސް އޮފީހުގައި ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު އެއަށްވުރެ މާފުޅާކޮށް އެޚިދުމަތް ދެވެމުންދާކަމަށެވެ. އެގޮތުން 9 ރަށެއްގައި އަލަށް ޑަޔަލިސިސްގެ ޚިދުމަތް ދޭން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ޑަޔަލިސިސްގެ ޚިދުމަތް ނުފެށި އިނީ ތިން އަތޮޅުކަމަށާއި އެ ތިން އަތޮޅަކީ ދ، ފ އަދި ވ އަތޮޅުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެ ޚިދުމަތް ފުޅާ ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތަށް ވުރެ ފުޅާކޮށް އެކަމުގައި މަސައްކަތް ކުރެވިފައިވާކަން ފާހަގަކުރައްވާ ނާޒިމް އިތުރަށް ވިދާޅުވީ އަލަށް 8 ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެހެންކަމުން މައްސަލައަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތުން އެކަންކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.