ޖަނަވަރީ މަހުގެ މެދު ތެރޭގައި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ރަސްމީކޮށް ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ އެސިސްޓެންޓް ޑިރެކްޓާ ވިޝާހު ސައީދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ވިޝާހު ވިދާޅުވީ އިންތިހާބަށް ކުރިމަތިލެވޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށާއި އެހެންކަމުން ފޯމު އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ވިޝާހު ވިދާޅުވީ އީސީ ޕޯޓަލް އަށް ފޯމު ހުށަހެޅޭނީ ފޯމު ހުށަހަޅާ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށްގެން ކަމަށެވެ.

ހަމަ މިއާއެކު އަލަށް ޑިޖިޓަލް ކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލުމުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް ގާނޫނީ ގޮތުން ދީފައިވާ މުއްދަތަކީ 14 ދުވަސް ނަމަވެސް އީސީ ގެ އަމާޒަކީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ކުރިން ޕޯޓަލް ހުޅުވާލުންކަމަށް ވިޝާހު ވިދާޅުވިއެވެ.

އެގޮތުން ޕޯޓަލް ހުޅުވާލާ ހިސާބުން ކޮންމެ މީހަކަށްވެސް މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު އަޕްލޯޑު ކުރަންޖެހޭ ޑޮކިއުމެންޓްތައް އަޕްލޯޑު ކޮށް، އިދާރީ ފީތައް ވެސް ދެއްކޭނެކަމަށާއި ނަމަވެސް އީސީ އަށް ފޯމު ހުށަހެޅޭނީ އިންތިހާބަށް ރަސް މީކޮށް ފޯމުލާން ހުޅުވާލުމުން ކަމަށް ވިޝާހު ފާހަގަކުރެއްވިއެވެ.

ވިޝާހު ވިދާޅުވީ އޮންލައިންކޮށް ފޯމު ހުށަހަޅާ ގޮތަށް ހަމަޖެއްސީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެގެން ގިނަ މަސައްކަތްތަކެއް ކުރުމަކި ދަތިކަމެއްކަމުގައި ވާތީކަމަށެވެ.

"މިފަހަރު އަޅުގަނޑުމެން އަދި އޮތް ގޮތަކީ ހަމަ އެކަނި އޮންލައިން ޕްލެޓް ފޯމު، ވަރަށް ފަސޭހަ ނިޒާމަކަށް އަލުގަނޑުމެން ދެވޭތޯ މި މަސައްކަތް ކުރަނީ. 4000 ވަރަކަށް ކެންޑިޑޭޓުން ފިޒިކަލީ ފޯމު ހުށަހަޅަން އެއްތަނަކަށް ޖަމާވެ، ހޭދަވެގެންދާ ވަގުތާއި، ކުރަންޖެހޭ މަސައްކަތްތަކަކީ ވަރަށް ދަތިކަމަކަމަށް މި ވަނީ"

ވިޝާހު ސައީދު/ އިލެކްޝަން ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓާ

ހަމަ މިއާއެކު އިންތިހާބަށް ކުރިމަތިލާ މީހުން، އިންތިހާބަށް ކުރިމަތިލުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށް ވިޝާހު އެދިވަޑައިގެންނެވިއެވެ. އީސީން ކުށާ، ދަރަނީގެ ރެކޯޑު ބޭނުން ވަނީ މުޅި އުމުރަށް ކަމަށާއި އިއުލާނާ އެކީގައި އާންމުކޮށްފައިވާ ކަރެކްޝަނަލް ސާވިސް އިން ރެކޯޑް ފުރިހަމަ ކުރާ ފޯމު ފުރިހަމަ ކޮށް އީމެއިލް ކޮށްގެން ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވަނެ ކަމަށް ވިޝާހު ވިދާޅުވިއެވެ.