ސިއްހީ ދާއިރާ ތަރައްގީކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 169 މަޝްރޫޢެއް އަތޮޅުތެރޭގައި ކުރިޔަށްދާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ މިސަރުކާރުން ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ އަތޮޅުތެރެއަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނާއި ސިއްހީ ދާއިރާ ކުރިއެރުވުމަށް މިނިސްޓްރީން ކުރަމުންދިޔަ މަސައްކަތްތަކުގައި އެންމެ ބޮޑަށް ފާހަގަވި ކަމަކީ އެއް އަތޮޅުތެރޭގެ އުމްރާނީ ތަރައްގީ ވީރާނެވެ ހަލާކުވެފައިވާ ކަންކަމަށެވެ. ބައެއް ތަންތަނުގެ ޖާގަ ކުޑަވެފައިވާއިރު އަނެއް ބައި ތަންތަން ވީރާނަވެ ހިދުމަތް ނުދެވޭ ފެންވަރަށް ބާވެފައި ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަންކަން ރަނގަޅުކުރުމަށް ރާއްޖޭގެ ތާރީޚުގައި ނުހިންގޭ ފެންވަރުގެ އުމްރާތީ ތަރައްގީގެ މަޝްރޫޢު ކުރިޔަށްގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން އެކި މަރުހަލާތަކުގައި 39 ހޮސްޕިޓަލެއްގެ މަސައްކަތް ކުރިޔަށް އެބަދޭ. ބައެއް ތަންތަނަކީ މިހާރު ހޮސްޕިޓަލު ހުރި ތަންތަން އަޕްގްރޭޑްކުރުން. އަނެއްބައި ތަންތަނަކީ މިހާރު ހޮސްޕިޓަލުގެ ޖާގަ ނެތުމުން މުޅިން އައު އިމާރާތެއް ގާއިމުކުރާ ތަންތަން.

ނާޒިމް އިބްރާހީމް/ ހެލްތު މިނިސްޓަރ

މިހާރު ކުރިޔަށްދާ މަޝްރޫޢުަކަށް ބަލާއިރު 147 މަޝްރޫޢެއް ކުރިޔަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އައު ސިއްހީ މަރުކަޒު އެޅުމަށް 19 މަޝްރޫޢެއް ކުރިޔަށްދާއިރު އެކްސްޓެންޝަން އަދި އަޕްގްރޭޑްގެ 89 މަޝްރޫޢެއް ކުރިޔަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކުރިޔަށް ރޭވިފައި 22 މަޝްރޫޢެއް ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ އައު ހޮސްޕިޓަލު އެޅުމުގެ 8 މަޝްރޫޢަކާއި އައު ސިއްހީ މަރުކަޒު އެޅުމުގެ 5 މަޝްރޫޢަކާއި އެކްސްޓެންޝަން އަދި އަޕްގްރޭޑް ކުރުމުގެ 9 މަޝްރޫޢެކެވެ.

މިނިސްޓަރ ވިދާޅުވީ އަމާޒަކީ މިދައުރު ނިމޭއިރު މިހުރިހާ މަޝްރޫޢެއްވެސް ނިމި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭވަރު ވުންކަމަށެވެ.