ދިގު މުއްދަތަށް ވަޒީފާ އަދާ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް 75 އަހަރު ވަންދެން ވަޒީފާ އަދާ ކުރެވޭގޮތަށް ރީ އެމްޕްލޯއީމަންޓް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރީ-އެމްޕްލޯއިމަންޓްގެ ބިލަކީ ސަރުކާރުގެ ފަރާތުން، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު މިދިޔަ އަހަރުގެ ދެވަނަ ދައުރުގައި ހުށަހަޅުއްވާފައިވާ ބިލެކެވެ.

މަޖިލީހުގެ ތަޅުމުން މި ބިލު ފާސްކުރީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ކޮމިޓީ ރިޕޯޓު މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމުންނެވެ. ބިލު ފާސްކުރީ 46 މެމްބަރުންގެ ވޯޓުންނެވެ.

ބިލުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު 65 އަހަރު ވުމުން ވެސް ވަޒީފާގައި ހުރެވޭނީ އަހަރުން އަހަރަށް އާ ކުރާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބިލުގައިވާ ގޮތުން ރީ އެމްޕްލޯއީމަންޓްއަށް ނުވަތަ ވަޒީފާގައި ދެމި ހުރުމަށް އެދި 65 އަހަރާއި 75 އަހަރާއި ދެމެދުގެ މުވައްޒަފުންނަށް ނުވަތަ މީހުންނަށް ހުށަހެޅޭނެ އެވެ. ދައުލަތުގެ ވަޒީފާއެއް އަދާ ކުރަމުންދިޔަ މީހުންގެ ތެރެއިން މި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުގެ 7 އަހަރު ކުރިން ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަކިވެފައިވާ މީހުންނަށް ވެސް 75 އަހަރު ފުރެންދެން އަލުން ވަޒީފާގައި ދެމި ހުންނަން އެދި ހުށަހެޅޭނެ އެވެ.

ރީ އެމްޕްލޯއީމަންޓްގެ ދަށުން 65 އަހަރު ފުރޭ ފަހުން ވަޒީފާ އަދާ ކުރާނަމަ ކުރިން ހުރި މަގާމު ނޫން އެހެން މަގާމަކުން ވެސް ވަޒީފާ ހަމަޖައްސައި ދެވިދާނެ ކަަމަށް ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

ރީ އެމްޕްލޯއީމަންޓް ބިލު ގާނޫނުނަކަށް ވުމުން ވަޒީފާގައި ދެމިހުންނަން ބޭނުންވާ ނަމަ 65 އަހަރު ފުރުމުގެ 6 މަސް ކުރިން ރީއެމްޕްލޯއީމަންޓްއަށް އެދެން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މި ބިލުން ނުވަތަ ގާނޫނުން އިސްތިސްނާ ވާ މީހުންގެ ތެރޭގައި ހިމެނެނީ ސިފައިންނާއި ފުލުހުން، ފަނޑިޔާރުން އަދި ގާނޫނުގެ ދަށުން އަައްޔަންކުރާ މަގާމެއްގައި ތިބޭ މީހުންނެވެ.