މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަގަށް ނެގި ސިނގިރޭޓުތަކުން ލިބުނު ފައިސާއިން ނަފާ ހޯދުމަށް ބެޓުކޮށް އެކަމުން ލިބޭ ފައިސާ ޖަމާކުރުމަށް އެކައުންޓްތައް ހެދުމަށް ވަކިން ކުންފުނިތަކެއް ހަދާފައިވާކަން އެނގިފައިވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖުވާކުޅޭ މީހުންނަށް ދޭ އަދަބު ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ޖުވާ ކުޅުން ނުވަތަ ބެޓް ކުރުމަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އެގޮތުން ވަގަށް ނެގި ސިނގިރޭޓުތަކުގެ މައްސަލާގައިވެސް އެކަން އެނގިފައިވާކަމަށް ވިދާޅުވި އެވެ. ސިނގިރޭޓު ވައްކަމުން ފައިސާ ލިބުނު މީހުން ވަނީ އެ ފައިސާއިން ބެޓު ކޮށް ނަފާ ހޯދުމަށް މަސައްކަތް ކޮށްފައި ކަމަށް ނާޒިމް ވިދާޅުވި އެެވެ. އެހެންނަމަވެސް އެ ހުރިހާ ފައިސާއެއް އެ މީހުންނަށް ގެއްލުނީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެ ހުރިހާ ފައިސާއެއް ގެއްލުނީ، އެ ލިބޭ ނަފާގެ ފައިސާ ޖަމާކުރުމަށް އެކައުންޓްތައް ހެދުމަށް ވަކި ކުންފުނިތަކެއް ހަދާފައިވާކަން އެނގޭ، މިކަމުން ވެެސް ވަރަށް ފުޅާ ދާއިރާއެއްގައި މިކަން ހިނގާކަން އެބަ ހާމަވޭ، ލޯ މައްޗަށް މި ފެންނަ މިންވަރަށް ވުރެ މާ ފުންކޮށް މިކަން އެބަކުރޭ

މެމްބަރު ނާޒިމް

ނާޒިމް ވިދާޅުވީ ޖުވާ ކުޅުމުގެ ކަންކަން ހިންގާ މައި ކުންފުނިތަކަށް ވާގިވެރިވާ ދިވެހި ކުންފުނިތައް ހަރަކާތްތެރިވާ ކަމަށެވެ. ރާއްޖޭގެ ބޭންކުތަކަށް އެ މުއާމަލާތްތައް ވަކިކޮށް ނުހޯދޭ ވަރުގެ ކުދި އަދަދުތަކުން ފައިސާ މި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކުރާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ބޭންކުތަކުން މިހާރު މިފަދަ ބެޓިން ވެބްސައިޓުތަކަށް ދިވެހިންނަށް ނުވަދެވޭ ގޮތަށް ނުވަތަ ދިވެހި ބޭންކުތަކުގެ ކާޑުން ނުވަތަ އެކައުންޓްތަކުން އެ ވެބްސައިޓުތަކަށް ފައިސާ ނުކެނޑޭ ގޮތް ހެދުމަށް ބޭންކުތަކުން މަސައްކަތްކުރާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ވާހަކައިގައި ދީނުގައި ވެސް ޖުވާ ކުޅުން މަނާކޮށްފައިވަނީ މުހިންމު ސަބަބުތަކަކަށްޓަކައިކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން ޖުވާ ކުޅުމާއި ބެޓު ކުރުން ފަދަ ކަންކަމަކީ އާއިލާ އާއި މުދާ ނުރައްކަލަށް ހުށަހެޅި މުދާ ބީވެ އެކަމަށް ދެވި ހިފާ ނުބައި އާދައެއްކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.