ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެން.އައި.ސީ)އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި، އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ، ޑރ.އާއިޝަތު ޝެހެނާޒް އާދަމް އެވެ. އަދި އެން.އައި.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކޮމިޝަނުގެ ރައީސް،ޝުއައިބު އަބްދުއްރަހްމާން އެވެ.
މީގެ އިތުރުން ދިރާސާކުރުމަށް ޚާއްސަކުރެވިގެން ސޮއިކުރެވޭ މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ އިލްމީ ހެކިތެކުގެ އަލީގައި އަމަލީގޮތުން މަސައްކަތްތައްކުރުމާއެކު، މުވައްސަސާތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ދާއިރާއާއި ގުޅޭ މައުލޫމާތު މުއްސަނދިކުރުން ކަން ފާހަގަކުރެވެއެވެ.
އެގޮތުން، މި އެއްބަސްވުމުގެ ދަށުން، ތަފާތު ރިސާޗް ޕްރޮގްރާމްތަކާއި، އޮން-ދަ-ޖޮބް ޓްރެއިނިން، ސެމިނާ، ވޯކްޝޮޕްތަކުގެ ފުރުސަތުތައް ހުޅުވާލުމަށް ވަނީ ހަމަޖައްސާފައި ކަމަށް މައުލޫމާތު ލިބެއެވެ.
ހަމަ މިއާއެކު މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަތައް އިތުރުވެގެންދާނެކަމަށާއި ދިރާސާގެ އަލީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ދިވެހިރާއްޖޭގެ މުސްތަގުބަލު ބިނާކުރުމުގެ މަގު ފަހިވެގެންދާނެކަން ފާހަގަކުރެވެއެވެ.